ސްވިޒަލޭންޑްގެ ޖެނީވާގައި އދ. ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން އުޅުނު ޔަމަނުގެ ސުލްހައިގެ ވާހަތަކަށް ޙޫޘީ ވަފުދު ހާޒިރުވޭތޯ ތިން ދުވަހު އިންތިޒާރުކުރުމަށް ފަހު، ބައްދަލުުވުން ކެންސަންކުރަން އިއްޔެ ނިންމައިފިއެވެ. ބައްދަލުވުން ކެންސަލު ކުރިކަން ހާމަކުރައްވަމުން އދ. ން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މާޓިން ގްރިފިތު ވިދާޅުވީ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެެއް ހޯދުމުގެ މަސައްކަތް އޭނާ ކުރިއަށް ގެންދަވާނެ ކަމުގައެެވެ.
ގްރިފިތު އިތުރަށް ވިދާޅުވި ގޮތުގައި ތިން އަހަރަށް ފަހު ބޭއްވޭ ސުލްހައިގެ ވާހަކަތަކަށް ޙޫޘީން ނައުމަކީ މައްސަލައެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސުލްހައަށް ކުރާ މަސައްކަތް ހުއްޓުމެއް ނޫނެވެ. އަދިވެސް އޭނާ ހާމަކުރެއްވި ގޮތުގައި އޭނާ ވަނީ ބައިނަލްއަގްވާމީ ގޮތުން ގަަބޫލުކުރާ ޔަމަނު ސަރުކާރުގެ ވަފުދާއެކު ތިން ދުވަހު ކުރިއަށް ގެންދަވާފައެވެ. އަދި ފަހުން ސަންޢާއަށާއި، އޮމާނުގެ މަސްޤަޠަށް ވަޑައިގެން ޙޫޘީންގެ އިސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާނެއެވެ.
ޙޫޘީންގެ 'އަލްމަސީރާ' ޓީވީގައި ވާހަކަދައްކަމުން ޙޫޘީންގެ ޒައީމު ޢަބްދުލްމަލިކު އަލްޙޫޘީ ތުހުމަތު ކުރިގޮތުގައި ޙޫޘީންގެ ވަފުދަށް ޖެނީވާއަށް ނުދެނުވީ ސައޫދީން އިސްވެއޮވެ އެކުލަވާލާފައިވާ އަރަބި ކޯލިޝަނުން ޙޫޘީ ވަފުދަށް ހުރަސްއެޅުމުންނެވެ.
"އަހަރުމެން އެންމެންނަށްވެސް އެނގޭ .... މި ވާހަކަތައް ބޭއްވުމުގައި ނާކާމިޔާބުވި މައިގަނޑު ސަބަބަކީ ޙޫޘީ ވަފުދު ނުކުމެ ޖެނީވާއަށް ދަތުރުކުރުމަށް ކޯލިޝަނުގެ ބާރުތަކުން ހުރަސްއެޅުން." އޭނާ ބުންޏެވެ. އޭނާ ބުނީ ޙޫޘީންގެ ހަމައެކަނި ޝަރުޠަކަށް އޮތީ ސަލާމަތުން ޖެނީވާއަށް ދެވޭނެ މަގުފަހިކުރުން ކަމުގައެވެ.
ޙޫޘީން ޝަރުޠުކޮށްފައި އޮތް ގޮތުގައި އެމީހުންގެ ވަފުދު ޖެނީވާއަށް ކުރާ ދަތުރުގައި އެމީހުންގެ މަތިންދާބޯޓު ކޯލިޝަންގެ ބާރުތަަކުން ފާސްކޮށްގެން ނުވާނެއެވެ. އަދި ޒަޚަމްވެފައިވާ ބައެެއް މީހުން އެބޯޓުން އުފުލާނެ ފުރުސަތު ދޭންވާނެއެވެ. 2015 އިން ފެށިގެން ޔަމަނުގެ ވައިގެ ސަރަހައްދު ކޮންޓުރޯލުކުރަނީ އަރަބި ކޯލިޝަނުންނެވެ.
އަރަބި ކޯލިޝަން 2015 ވަނަ އަހަރު ޔަމަނަށް ވަނީ ރައީސު ޢަބްދު ރައްބުހް މަންސޫރު ހާދީގެ ސަރުކާރަށް ވެރިކަން އަނބުރައި ހޯދައިދިނުމުގެ މަގްސަދުގައެވެ. އޭރުއްސުރެ ޔަމަނުގައި ހިނގަމުދާ ހަނގުރާމައިގެ ސަބަބުން 8.4 މިލިއަން މީހުން ވަނީ ބަނޑަށް ޖެހުމުގެ ނުރަައްކަލާ ކުރިމަތިލާން ޖެހިފައެވެ. އަދި ގައުމުގެ އިގްތިސާދު ވަނީ އިނދަޖެހިފައެވެ.
ޔަމަނު ސަރުކާރުގެ ޚާރިޖީ ވަޒީރު ޚާލިދު އަލްޔަމާނީ ތުހުމަތުކުރެއްވި ގޮތުގައި ޙޫޘީން މަސައްކަތްކުރަނީ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުކޮށްލުމަށެވެ. އެމީހުން ހަގީގަތުގައިވެސް ސުުލްހަވާން ބޭނުންނަމަ ޖެނީވާއަށް އައިސް ވާހަކަތަކުގައި ބައިވެރިވީހެވެ.