
ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ރައްޔިތުން ދީފި ކަމަށް ވާނަމަ ލ. ކައްދޫ އެއާޕޯޓަކީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ އެއާޕޯޓަކަށް ހައްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށުގެ ބަނދަރު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓަކީ ބައިނަލްއަގުވާމީ ބޮޑު އެއާޕޯޓަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރުގައި (ދެވަނަ ދައުރެއް ތިޔަބޭފުޅުންގެ މަސައްކަތުން ﷲ ގެ ރަހުމަތުން މިންވަރު ކުރައްވައިފިނަމަ) އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެފުރަތަމަ ދެއަހަރުގެ ތެރޭގައި ކައްދުއަކީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ވަރުގެ އެއާޕޯޓަކަށް ހަދާނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ބޮޑެތި ބޯޓުފަހަރު ސީދާ އައިސް ޖެއްސޭނެ އެއާޕޯޓަކަށް ކައްދޫ ބަދަލުވެގެން ދިޔައިމައި އެ އަތޮޅަށް ޓޫރިޒަމް ފެތުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. "ސީދާ މަތިންދާ ބޯޓު ޖެއްސޭ ތަނަކަށް ކައްދޫ އެއާޕޯޓު ބަދަލުވެގެން ދިޔައިމާ މިހާރު ޓޫރިޒަމް އައުމަށް ދަތިވި ނަމަވެސް އިސާހިތަކު އެއީ ފަސޭހަ ކަމަކަށް ވެގެންދާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.