
ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅުގެ 4 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ށ. ބިލެއްފައްސާއި، ކަނޑިތީމާއި، ފުނަދުއާއި، މިލަންދުއަށެވެ. މިލަންދޫ ފިޔަވައި އަނެއް ތިން ރަށަށް ރައީސް ވަޑައިގެންނެވީ އިއްޔެއެވެ. ދަތުރުފުޅަށް ފަހު ރައީސް ވެލާނާ އިންޓަރނޭޝަނަލްއެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ.
މި ދަތުރުފުޅުގައި ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައާއި، ފުނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވައި، މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ރައިސް ފައްޓަވައިދެއްވާފައިވެއެވެ.