
ޅ. ހިންނަވަރުގައި ކުނިއެޅުމަށް ކުރިން ބޭނުންކުރި ސަރަހައްދުގައި ރޭ ދަންވަރު އަލިފާން ރޯވެއްޖެއެވެ.
އެ އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންގެ މަސައްކަތުން ރޭ ވަނީ ނިއްވައިފައެވެ. އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ދަންވަރު 3:23 އެހައިކަންހާއިރު އެވެ.
ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަށައިފައެވެ. އެ ހަރަކާތުގައި މާފިލާފުށިން ވެސް ސިފައިންގެ ޓީމެއް އައިސް އެކަމުގައި ބައިވެރިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުނަނުދީ ކޮންޓްރޯލް ކުރެވޭވަރުވީ ރޭ ފަތިހު 5:00 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށްގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގޮނޑުގެ ފާރަށާއި ކައިރީގައިހުރި ބައެއް ގަސްގަހަށް އަލިފާނުގެ އަސަރުވަނީ ކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާ ހިނގަންމެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މި ހާދިސާގެ ތަހުގީގު ފުހުން ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.