
ހުޅުމީދޫ ޗަސްބިމުގައި މިރޭ ރޯވެ ބޮޑު ބައެއް އަނދައިފިއެވެ. މިރޭ އިރާކޮޅު ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ މިރޭ ދިހައެއް ޖެހިފަހުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންނެވެ.
ރޯވެފައިވަނީ ޗަސް ބިމުގައި ހުރި ހައިތަކުގައެވެ. އެހެންނަމަވެސް ރޯވި ސަބަބައެއް އަދި ނޭނގޭއެވެ. އެހެންނަމަވެސް ބައެއް މީހުން ބުނަނީ އެއީ ހޫނު ގަދަވުމުގެ ސަބަބުން ރޯވީ ކަމަށެވެ. އެއީ ބަޔަކު ރޯކޮށްލީ ކަމަށްވެސް ރަށުގެ ބައެއް މީހުން ތުހުމަތު ކުރެއެވެ.
"ވަރަށް ބޮޑު ސަރަހައްދެއްގައި ރޯވި. ތަނުގެ ގޮތުން އަލީފާން ނިއްވާ މީހުންނަށްވެސް އެހާފަސޭހައެއް ނުވި އެތަނަށް ވަންނަން. އެންމެ ފަހުން ބައެއް އާންމުގެ އެހީއާއެކު ސިފައިންނަށް އެތަނަށް ވަދެވުނީވެސް ސިފައިންގެ މަސައްކަތުން އެތަން ނިއްވާލެވިފައިވަނީ އެގާރަވެސް ޖެހިފަހުން. ދިހަގަޑި ފަނަރަ އެހައިކަންހާއިރު ރޯވެފައިވާ އަލިފާނުގެ ބޮޑުބައެއްވަނީ ނިއްވާލެވިފައި،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީގެ ކުރިންވެސް އެތަނުގައިވަނީ އެތައް ފަހަރެއްގައި ރޯވެފައެވެ. އެފަހަރު ތަކުގައިވެސް ގިނަ މީހުން ބުނަނީ ރޯވަނީ ނޫންކަމަށާއި ބަޔަކު ރޯކޮށްލަނީ ކަމަށެވެ.
މިރޭގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހާދިސާއާ ބެހޭ ގޮތުން ސިފައިންވެސް ފުލުހުންވެސް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.