އީރާނުގެ އިގްތިސާދު ދަށަށްދާ މައްސަަލައިގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ރައީސު ޙަސަން ރޫޙާނީއާ ކުރިމަތިކުރެއްވި ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތައް ގަބޫލުކުރައްވަން މެންބަރުން ދެކޮޅުހައްދަވައިފިއެވެ.
މިއީ ރައީސު ރޫޙާނީ 5 އަަހަރުގެ ދައުރުގައި އޭނާ ގާނޫނުހަދާ މަޖިލީހަށް ހާޒިރުކުރެއްވުނު ފުރަތަމަ ފަހަރެވެ. މެންބަރުން ވަނީ ވަޒީފާ ނެތް މީހުން ގިނަވުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، އީރާނު ރިއާލްގެ އަގު ކުއްލިއަކަށް ދަށަށް ދިއުމާ ބެހޭ ގޮތުން އޭނާއާއި ސުވާލުކުރައްވާފައެވެ. ފާއިތުވި އޭޕްރީލް މަހުން ފެށިގެން ރިއާލުގެ އަގު ވަނީ %50 ދަަށަށް ގޮސްފައެވެ.
ރައީސު ރޫޙާނީއާ މި ސުވާލުތައް ކުރިމަތިކުރެއްވިއިރު، މަޖިލީހުގެ މެންބަރުން ވަނީ އޭނާގެ ލޭބަރ މިނިސްޓަރާއި، އިގްތިސާދާ ބެހޭ މިނިސްޓަރުގެ އިތުބާރުނެެތްކަމަށް ކަނޑައަޅައި މަގާމުން ދުރުކުރައްވާފައެވެ.
ސުވާލުގެ ވަގުތު ނިމިގެން ވޯޓަށް އެެހުމުން، އިގްތިސާދާ ބެހޭ ގޮތުން މެންބަރުން އޭނާއާ ކުރިމަތިކުރެއްވި ފަސް ސުވާލުގެ ތެރެއިން ހަތަރު ސުވާލަށް އޭނާ ދެއްވި ޖަވާބު ގަބޫލުކުރައްވަން މެންބަރުން ދެކޮޅުހެއްދެވިއެެވެ.
އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރު ނާކާމިޔާބު ވުމަކީ، ސަރުކާރުގެ ގާނޫނީ ވާޖިބުން ރެކުންތޯ ނުވަތަ ނޫންތޯ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައި، ސަރުކާރުގެ މައްސަލަ ޝަރީޢަތަށް ފަޮނުވަންޖެހޭތޯ ނުވަތަ ނޫންތޯ ކުރިއަށް ދުވަސްތަކުގައި މަޖިލީހުގެ މެންބަރުން ނިންމާނެއެވެ.
ދެ މިނިސްޓަރުން މަގާމުން ދުރުކުރެވުނު ނަމަވެސް، ރައީސު ޙަސަން ރޫޙާނީއަށް ގައުމުގެ ރޫޙާނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީގެ ރައްކާތެރިން އެބައޮތެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސު މަގާމުން ދުރުކުރުމަކީ "ދުޝްމަނުން އެދޭގޮތަށް ކަންތައް ކުރުން" ކަމުގައެވެ.
މީގެ ކުރިން އީރާނުގެ ރައީސަކު ގާނޫނުހަދާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާ އެންމެ ފަހަރަކުއެވެ. އެއީ 2012 އޭރުގެ ރައީސު އަޙްމަދީިނިޖާދުއާ ސުވާލުކުރެވުނު ފަހަރެވެ.