ލަރިޖާނީ، ޖަހާންގީރީ އަދި އަޙްމަދީނިޖާދަށް އިރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިން

އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ

އީރާނުގައި އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚަބަށް ކުރިމަތިލުކުގެ ފުރުސަތު 7 ކެންޑިޑޭޓަކަށް ދޭން، އެގައުމުގެ ބާރުގަދަ ދީނީ އިލްމުވެރިންގެ މަޖިލިސް، ގާޑިއަންސް ކައުސިލުން ނިންމައިފިއެވެ.

މިއަދު އީރާނުގެ އިންޓީރިއާ މިނިސްޓްރީން އިއުލާންކުރި ގޮތުގައި އިންތިޚާބުގެ ކަންކަން ކުރިއަށް ދާގޮތާއި، ކެންޑިޑޭޓުންގެ ވަނަވަރު ބަލައި، ފުރުސަތު ދޭނެ ކެންޑިޑޭޓުން ކަަނޑައެޅުމުގެ މަސައްކަތްކުރާ 12 މެންބަރުންގެ ކައުންސިލުން ނިންމީ ކުރިމަތިލީ 592 ކެންޑިޑޭޓުންގެ ތެރޭން 7 ކެންޑިޑޭޓަކަަށް ފުރުސަތު ދިނުމަށެވެ. އެ މަޖިލީހަކީ ދީނީ ޒައީމު އާޔަތުﷲ ޚާމަނައީގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރާ ކައުންސިލެކެވެ.

ރަސްމީ ފަރާތްތަކާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ވަނީ ގާޑިއަންސް ކައުންސިލުން ފެހި ސިގްނަލް ދިން ހަތް ކެންޑިޑޭޓުންގެ ނަން މިއަދު ލީކުކޮށްފައެވެ. އެ ކެންޑިޑޭޓުންނަކީ ޖުޑިޝަރީގެ މިހާރުގެ ވެރިޔާ އިބްރާހީމް ރަައީސީ، އެކްސްޕީޑިއެންސީ ޑިސާންމެންޓް ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރިޒާއީ، ނިއުކުލިޔާ މަޝްވަރާތަކުގައި ކުރިން އިސްކޮށް އުޅުއްވި ސަޢީދު ޖަލީލީ، ގާނޫނުހަދާ މަޖިލީހުގެ ޑެޕިއުޓީ ސްޕީކާ އަމީރް ޙުސައިން ޣާޒީޒާދާ ހާޝިމީ، ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިއްމަތީ، ކުރީގެ ނާއިބު ރައީސު މުޙްސިން މެހްްރްޢަލީޒާދާ އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޢަލީރިޒާ ޒަކާނީއެވެ.

ފުރުސަތު ލިބިވަޑައިނުގެންނެވި 585 ކެންޑިޑޭޓުންގެ ތެރޭން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ގާނޫނުހަދާ މަޖިލީހުގެ ކުރީގެ ސްޕީކާ އަދި ދީނީ ޒައީމު މުސްތަޝާރު ޢަލީ ލަރިޖާނީއެވެ. އޭނާއަކީ ފަހަކަށް އައިސް މެދުމިނުގެ ޚިޔާލު ގެންގުޅުއްވާކަން ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. ދެން ފާހަގަކުރެވޭ  އަނެއް ބޭފުޅަކީ މިހާރުގެ ރައީސު ޙަސަން ރޫޙާނީގެ  އިސް ނާއިބު އިސްޙާޤް ޖަހާންގީރީއެވެ. އޭނާއަކީ އިސްލާހަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ގިނަ ބަޔަކު ކުރިން ލަފާކުރި ފަދައިން، ކުރިން ދެދައުރުގައި އީރާނުގެ ރައީސުކަން ކުރާއްވާފައިވާ މަޙްމޫދު އަޙްމަދީނިޖާދަށްވެސް ކެންޑިޑޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތެވެ. އީރާާނިއަން ރިވޮލިޔުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ކުރީގެ ކޮމާންޑަރު ސަޢީދު މުޙައްމަދުވެސް ހިމެނިވަޑައިގަތީ ފުރުސަތުލިބިވަޑައިނުގަތް ބޭފުޅުންގެ ތެރޭގައެވެ.

ރައީސު ޙަސަން ރޫޙާނީ ރިޔާސީ ދެދައުރު ފުރިހަމަކުރައްވާތީ، އީރާނުގެ ގާނޫނު އަސާސީ ބުނާގޮތުން، އޭނާއަށް މިފަހަރުގެ އިންތިޚާބުގައި ވާދަނުކުރެއްވޭނެއެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރަސަތު ލިބޭ ފަރާތްތަކުގައި ހުންނަންޖެހޭ ކަމަށް ގާޑިއަންސް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 40 އަހަރާ 75 އަހަރާ ދެމެދުގެ މީހަކަށް ވުމާއި، މާސްޓާސް ޑިގްރީއެއް ނުވަަތަ އެ ފެންވަރުގެ ޑިގްރީއެއް އޮތުމާއި، ސަރުކާރުގެ އިދާރާއެއް ހިންގުމުގެ 4 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި، މިނިސްޓަރުކަން ނުވަތަ މަދުވެގެން 2 މިލިއަން މީހުންގެ އާބާދީއެއް އޮތް ރަށެއްގެ ގަވަރުނަރުކަން ކޮށްފައިވުމާއި، މޭޖާ ޖެނެރަލް ނުވަތަ އެއަށްވުރެ މަތީ ދަރަޖައެއްގެ އަސްކަރީ އޮފިސަރަކަށް ހުރަަފައިވުމާއި، ޖިނާއީ ކުށުގެ ރިކޯޑެއް ނެތުން ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.