

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ބައެއް ޖަމްޢިއްޔާ ތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން އިންތިޒާމުކުރަމުންދާ ކަމަށް ބުނާ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދޭން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ މާދަމާ ހަވީރު މާލޭގައި ބާއްވަން އިންތިޒާމު ކުރާ ހިނގާލުމުގެ މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން އެފަރާތަށް ލިބިފައިވާކަމަށެވެ. އަދި އެފަދަ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާ ތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދޭނެ ކަމަށް އިންޓާނަލް ސެކިއރިޓީ ކޮމާންޑުގެ ހެޑްޗީފްސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.
މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގައިބިނގައިވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދަން ފުރުޞަތު ނުދޭން ނިންމާފައިވާ ކަމަށްވެސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.