އެނބުރޭ ވަހުތާން (9)

(26 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއްދުވަހަކު އޭނާ ބޭރުގައި އުޅެފައި ގެއަށް އައިސް އެ ދުވަސްވަރު ގޭގައި ގެންގުޅޭ ރަޙްމާ ކައިރީގައި ބުންޏެވެ. "ޖެހިގެން އެހެރަ ގޭގައި އުޅޭ މަރިޔަމް ވަރަށް ހެއްވާ ވާހަކަ އެއް އެބަ ދައްކާ-"

"ކޮން ވާހަކަ އެއް-؟" ރަޙްމާ ޝައްކުގެ ނަޒަރަކުން ނަވީން އާ ދިމާއަށް ބަލައިލިއެވެ.

"އޭނާ ބުނީ ކަލޭގެ ބޮޑުބޭބެއާ ރަޙްމާ އާ ދެ މީހުންގެ މެދުގައި އާދަޔާ ޚިލާފު ގުޅުމެއް އޮންނަ ހެން ހާދަ ހީވެޔޭ-"

ރަޙްމާގެ މޫނު މަތީގައި ހީވީ އެތި ފަހަރެއް ޖެހި ހެންނެވެ. "ދެން ކަލޭ ބުނީ ކީކޭ-؟"

"އަހަރެން ބުނީ އެހެންނެއް ނުވާނެއޭ- ބޮޑުބޭބެ ވަރަށް ގިނައިން ރަޙްމާއާ ދިމާއަށް އެއްޗެތި ގޮވާ އަޑު ވެސް އަހަރެން އަހަމޭ-"

"ވަރަށް ރަނގަޅު-" ރަޙްމާ ވިސްނައިލިއެވެ. "ދެން އިތުރު ވާހަކައެއް ނުދައްކާތަ-؟"

"އިތުރު ވާހަކަވެސް ދެއްކި- ބުނީ އާދަޔާ ޚިލާފު ކަމެއް ފެނިއްޖެއްޔާ ތިމަންނާ އަށް އަންގާށޭ- އޭރުން ސިފައިންގެ އަށް އަންގާނަމޯ-"

މި ހިސާބުން މަންޒަރު ބަދަލު ވީއެވެ. ރަޙުމާ އޭނާގެ ނޯކަރަކަށް ވީއެވެ. މިއިން އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ބޮޑުބޭބެ މަސައްކަތެއް ނުކުރެ އެވެ. އެއީ އޭގެ ގެއްލުން ލިބޭނީ އޭނާއަށް ކަން އެނގޭތީއެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް އޭނާގެ ޢުމުރުން ސާދަ އަހަރު ފުރުނު ދުވަހަކީ އޭނާގެ ތަރުބިއްޔަތުގެ ތިން ވަނަ ފިޔަވަހި ފެށުނު ދުވަހެވެ. އެ ދުވަހު ބޮޑުބޭބެ އިރުޝާދު އޭނާ އަށް ހަދިޔާ ގެނެސް ދިނެވެ. އަދި ވަރަށް ރަނގަޅަށް އޭނާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "މުސާރަ ދީގެން ގޭގައި މީހަކު ގެންގުޅުމަކީ މިހާރު ބޭނުން ކަމެއް ނޫން- ކެއްކުމާއި، ގެ ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރަން ނޯކަރަކު ގެންގުޅެވިދާނެ- ދުވާލު މަސައްކަތް ކުރުވާފައި އެ މީހާ ރޭގަނޑު ގެއަށް ފޮނުވައިލާނީ- ރަޙްމާމެން ކުރި މަސައްކަތް މިހާރު ކަލެއަށް ކުރެވޭނެ- މިހާރު ބޮޑު ވެއްޖެއެއްނު-؟"

ނަވީންގެ މޭގަނޑު ފުންމައިގެން ކަރު ތެރެއަށް އަތުވެއްޖެއެވެ. ބޮޑު ވެއްޖެކަމުގެ އިޙްސާސް ކުރެވުމުން ދިޔައީ ރޫރު އަޅައިގެންނެވެ. ރަޙްމާ މެން ކުރި ހުރިހާ ކަމެއް އޭނާއަށް މިހާރު ކުރެވޭނެއެވެ. ނޭނގޭ ބިރެއްގެ ސަބަބުން އޭނާގެ އަތްފައި ފިނި ވެއްޖެއެވެ. "އެންމެ ރަނގަޅު ބޮޑުބޭބޭ- ފިކުރު ނުކުރޭ- އެއްވެސް ކަމެއް އުނި ވިޔަކަ ނުދޭނަން-" އޭނާ މަޑުމަޑުން ބުނެލިއެވެ.

އެރޭ އޭނާ ބޮޑު ވީއެވެ. އުމުރުން ވީ ދުވަހަށް ވުރެވެސް ބޮޑު ވީއެވެ. ހެޔޮ ނުބައި ވަކި ކުރަން އުޅުމުގެ އެއްވެސް ބޭނުމެއް އޭނާ އަކަށް ނުފެނުނެވެ. މި ޖަންގަލީގައި އޭނާއަށް އަދި ހަތް އަހަރު ވޭތު ކުރަން އެބަ ޖެހެއެވެ. އެ ދުވަސްތައް ދައްޗާއި ވޭނުގައި ހޭދަ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އިސްކޫލުގައި އޭނާ އަކީ ކުޑަ ކުއްޖެކެވެ. ގޭގައި ބޮޑު މީހެކެވެ. ބޮޑުބޭބެ އިރުޝާދު އޭނާ އަށް ވަރަށް ގިނަ ކަންތައްތައް ދަސްކޮށް ދިނެވެ. އޭނާ އަމިއްލައަށް ވެސް އެތައް ކަމެއް ދަސް ކޮށްފިއެވެ. ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި މީހުން ލަންބާނޭ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އަންހެނުންނަކީ ބަލިކަށި ބަޔަކަށް ވިޔަސް ގަދަފަދަ ބައެއްކަން އޭނާ ދަނެގެންފިއެވެ.

އިސްކޫލުގައި ފަރުޒާނާ ނޫން އެހެން އެއްވެސް ކުއްޖަކު އޭނާޔާ ވާހަކައެއް ނުދައްކައެވެ. އިސްކޫލުގެ ކިޔެވުން ނިމުމާ އެކު ފަރުޒާނާ އެމެރިކާ އަށް ދާ ގޮތަށް ހަމަ ޖެހިއްޖެއެވެ. ނަވީން ބޮޑުބޭބެ އާ ވާހަކަ ދެއްކިއެވެ. ކޮންމެހެން އެމެރިކާއަށް ދާ ހިތް ވެގެންނެއް ނޫނެވެ. އެމެރިކާ އަށް ދާ ވާހަކަ ދެއްކީމާ އެކަން ހުއްޓުވަން ވެގެން ބުނި ކޮންމެ ކަމެއް ކޮށް ދޭނެތީއެވެ. ނަވީން ހިތާހިތުން ބޮޑުބޭބެ އަށް ކިޔަނީ ބޮޑުފުރޭތައެވެ. ހީ ކުރެވުނު ގޮތް ވީ މުޅިން ރަނގަޅަށެވެ. ބޮޑުބޭބެ އޭނާ އެމެރިކާ އަށް ދާން އެއްބަހެއް ނުވިއެވެ. އެހެން ނަމަވެސް ޒުވާނުންގެ މަރުކަޒުގައި އޮތް ބިއުޓީޝަން ކޯހެއްގައި ބައިވެރި ކޮށްދީފިއެވެ.

ކޯސް ހިނގަމުން ދިޔަ އިރު ނަވީން ދިޔައީ އިތުރު ތަޖުރިބާ ވެސް ހޯދަމުންނެވެ. ފިރިހެނުންގެ ނަފްސިއްޔާތާއި، ފިޠުރަތު ދަސްކޮށް އެ ރޮނގުން ވެސް މަތީ ފާހެއް ލިބޭ ވަރު ކޮށްފިއެވެ. ނަވީން ބޭވަފާތެރި ވަމުން ދާ ކަމެއް މުސްކުޅި އިރުޝާދަކަށް ނުވެސް އެނގެއެވެ.

    ކޯސް ނިމުމާއެކު ރަށުގެ ރަނގަޅު ހިސާބެއްގައި ބިއުޓީ ޕާލަރެއް ނުވަތަ ބޯ ކޮށުމާ، އިސްތަށިގަނޑަށް ގޮތް ގޮތް ހެދުމާ މިހެން ގޮސް މި ބާވަތުގެ އެކި އެކި ކަންތައްތައް ކުރާ ތަނެއް ހުޅުވާނޭ ޖާގަ ހޯދައިފިއެވެ. ފިހާރަ ހަދަން ޚިޔާލު ކުރި ޢިމާރާތުން އުޅޭނޭ ފްލެޓެއް ވެސް ލިބޭނޭ ގޮތް ވެއްޖެއެވެ. ނަވީން ޢިމާރާތުގެ ވެރި ފަރާތާ ވާހަކަ ވެސް ދައްކައިފިއެވެ. އެހެން ފަހަރު ތަކެކޭ އެއްފަދައިން މި ފަހަރު ވެސް އޭނާގެ އެދުމާ ދެކޮޅު ހަދާން ބޮޑުބޭބެ އަށް ނުކެރޭނެކަން އޭނާ އަށް ކަށަވަރެވެ. ކަންތައް ވީ ވެސް އެހެންނެވެ. އޭނާގެ އުފަން ދުވަހުގެ ހަދިޔާ އަކަށް އެދުނީ ފިހާރަ އާއި، ފްލެޓަށެވެ. ބޮޑުބޭބެ ވަގުތުން އެއްބަސް ވެއްޖެއެވެ. އޭނާ ނިންމައިގެން ހުރި ގޮތް އެއްގޮތަކަށް ވެސް ނޭނގޭ ޙާލުގައެވެ.

އެއް ދުވަހަކު ހެނދުނު ނާސްތާ ކުރަން ތިބެފައި ދެއްކުނު ވާހަކަ އެއްގެ ތެރޭގައި ބުޅާ ގޯނިން ބޭރު ވެއްޖެއެވެ. އިރުޝާދު ބުންޏެވެ. "މިހާރު ކަލޭ ވެސް އަމިއްލަ އާމްދަނީ އެއް ލިބޭނޭ ކޮންމެވެސް ގޮތެއް ހޯދަން ވެއްޖެ- ބޮޑުދައިތަގެ ތަރިކައިން ލިބުނު އެއްޗެއްގެ އިތުރަށް މިހާރު ކަލޭގެ އަމިއްލަ ފްލެޓެއް ވެސް އެބަ ހުރި- ރަނގަޅު ވާނީ އެ ތަން ކުއްޔަށް ދޫ ކޮށްލިއްޔާ-"

"ތިޔަހެން ހަދާކަށް އަހަރެން ގަސްތެއް ނުކުރަން-" ނަވީން އާދައިގެ ރާގުގައި ވާހަކަ ދެއްކިއެވެ. "އެތާނގައި އުޅޭނީ އަހަރެން-"

"ކަލޭ މިހާރަކަށް އައިސް ވަރަށް ނުލަފާ ސަމާސާ ކުރަމު-"

"މިއީ ސަމާސައެއް ނޫން- މިހާރު ވާ ވަރު ވެއްޖެ- މި ކުޅިގަނޑު ނިންމާލާ ހިސާބަށް އަތުވެއްޖެ-" އޭނާ ކޮޅަށް  ތެދުވެއްޖެއެވެ.

އިރުޝާދު ވަރަށް ފުން ނަޒަރަކުން އޭނާއާ ދިމާ އަށް ބަލައިލިއެވެ. މިހާރު އެއީ ކުޑަ ކުއްޖެއް ނޫނެވެ. ބޮޑުވެ ތަސައްރަފު ފުދިފައިވާ އަންހެނެކެވެ. އިރުޝާދުގެ ލޮލުން ބިރާއި، ޝައްކުގެ އަސަރު ފާޅުވާން ފަށައިފިއެވެ. "ތިޔަ ކަހަލަ ވާހަކަ ނުދައްކާ-" އޭނާ ބުންޏެވެ.

"އަހަރެންގެ ވާހަކަ ކަނުލައި އަހާ- މާދަމާ އަހަރެން އެ ތަނަށް ބަދަލު ވާނަން-"

ނަވީންގެ ވާހަކައިގައި ހުރި ހަރުކަށި ކަމެއްގެ ސަބަބުަން މުސްކުޅި ފުރޭތައިގެ އަތުން ޖޯޑު ދޫ ވެގެން ވެއްޓިއްޖެއެވެ. "އަހަރެން ހުރީ މި ދުވަސް އަތުވެދާނެ ކަމަށް ބިރުން- ކަލެއަށް އެހެން މީހަކު ލިބުނީ-"

"އަހަރެންނަށް އެއްވެސް މީހަކު ލިބުނީ އެއް ނޫން- އަހަރެން މިނިވަން ވާން ބޭނުންވީ- ކޮށީގައި ބަންދު ވެފައި އިންނަ ކުކުޅެއް ހެން އިންނަތާ މިހާރު ސާދަ އަހަރު ވެއްޖެ-"

"ނަވީން... ކަލޭ... ކަލޭ އަހަރެން ދެކެ ލޯބި ވެއެއްނު-؟" އިރުޝާދު ތެދުވެއްޖެ އެވެ. އޭނާގެ ދެ ފައި ތުރުތުރު އަޅާ ވަރުން ކޮޅަށް ހުރެވެނީ ކިރިޔާއެވެ.

"ލޯތްބޭ-؟ އެއީ ކަލޭ ދަންނަ ބަހެއްތަ-؟ ﷲ އަށްޓަކައި... ނޫނޭ... ﷲ އަށް ބިރު ގަންނާނީ އީމާން ކަމެއް ހުރެގެންނެއްނު-؟ އަހަރެން ކަލޭ ދެކެ ލޯބި ވާނެތަ-؟ ލޯގަނޑުން އަމިއްލަ ސޫރަ ދުވަހަކު ވެސް ބަލާލިންތަ-؟" ނަވީން ރަޙުމު ކުޑަ ރާގަކަށް އަމުނައިލިއެވެ.

އިރުޝާދު ޔަޤީން ކަމެއް ނެތް ގޮތެއްގައި އޭނާއާ ދިމާ އަށް ބަލަން ފަށައިފިއެވެ. އޭނާގެ އަޑާއި، ރާގާއި، ލޮލުން ފާޅު ވަނީ ގޮތް ދޫނުކުރުމެވެ. "ދެން... ދެން އެއީ ކޮން ކަމެއް-؟ އެ ހުރިހައި ކަމެއް..؟"

"އަހަންނަށް އެހެން ގޮތެއް ނެތުނީ- އަހަރެންނަށް އެހެން މަގެއް ފެންނަން އޮތްތަ-؟ އަހަރެން ދާނީ ކޮން ތަނަކަށް-؟ ސަލާމަތަށް އެދި އަތް ދިއް ކުރާނީ ކާކާ ދިމާއަށް-؟"

"ނަވީން... އަހަރެންގެ ފުރާނަޔާ..."

"ހުއްޓާލާ- އަހަރެންގެ އަގު މިހާރަށް ވުރެ ބޮޑަށް ވައްޓާލަން ނޫޅޭ-" ނަވީން ހަޅޭއް ލަވައިގަތެވެ. "އަހަންނަކީ މިހާރު މިނިވަނެއް- އަމިއްލަ މީހެއް- ބޮޑުދައިތަގެ ތަރިކައިން ލިބޭ ބައި މިއަދު އަހަރެންނަށް ލިބިއްޖެ-"

"ކަލެއަކީ ނުލަފާ ކުއްޖެއް- ކަލޭގެ ބޮޑުދައިތަ އަކީ ގޮތް ކުޑަ މީހެއް- އަހަރެންގެ ހުރިހާ ކަމަކަށް އޭނާ އަބަދުވެސް ހުރަސް އަޅާ-"

"ގޮތް ކުޑައީ ކަލޭގެ- ބޮޑުދައިތަ އަކީ ވަރަށް ރަނގަޅު އަންހެނެއް- މި ހުރިހައި ކަމެއް..." ނަވީން އަތުން އިޝާރާތްކޮށްލިއެވެ. "މިގެޔާއި... މި ހުރިހާ އަރާމެއް ކަލެއަށް ލިބުނީ ބޮޑުދައިތަގެ ސަބަބުން-"

"ނަވީން- ނިކަން ވިސްނާލަބަލަ - އަހަރެން ދުވަހަކުވެސް ކަލޭ ލައްވައި ގަދަ ކަމުން ކަމެއް ނުކުރުވަން- މީގެ ކުރިން ކަލޭ އަހަރެން ދެކެ ލޯބި ވީ ކަން ޔަޤީން-" އިރުޝާދު ހިތާމަވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.

"ކަލޭ ބުނާ ގޮތަށް އަހަރެން ނުހެދި ނަމަ ގަދަ ކަމުން ވެސް އަހަރެން ލައްވައި ކުރުވީސް- ދެން ކަލޭ ތިޔަ ކިޔާ ލޯތްބަކީ ކޮބާ-؟ ގާތް ތިމާގެ މީހަކު ދެކެ ވާ ލޯބި ވެސް އަހަރެން ކަލޭ ދެކެ ނުވޭ-؟" ނަވީން ހީނގަތެވެ. "އަދި ބުނަންތަ-؟ އަހަރެންގެ ފަހަތުން އަޅައިގަނެގެން ނޫޅޭތި- ﷲ ގަންދީ ހުވާ ކުރަން- އަހަރެން ފުލުހުންނަށް އަންގާނަން-"

މުސްކުޅި އިރުޝާދު އުމުރުގައި ފުރަތަމަ ފަހަރަށް އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.