މި ސަރުކާރުން އަބަދުވެސް އިސްކަންދައްވާނީ ރަށުގައި ތިބެގެން އާމްދަނީ ލިބި ރައްޔިތުން ފުދުންތެރި ކުރެވޭނެ ގޮތްތަކަށް ކަންކަން ބައްޓަން ކުރައްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެއަތޮޅުގެ ވޭމަންޑުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވަނީ ގިނަ ވަޒީފާތަކެއް ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އުފައްދަވައިފައި ކަމަށް ވެސް ވިދާޅުވިއެވެ. އެކުންފުނިތަކަށް ފައިދާނުވާ ވަރަށް ކުންފުނިތައް ކުޑަކޮށްލައިފިނަމަ އެތައް ގޮތަކުން ގެއްލުންވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސް ރަށްވެހިންނާ ގުޅުންހުރި މުހިންމު ކަންކަމާބެހޭ ގޮތުން ވިދާޅުވީ ވަޒީފާއިން ރިޓަޔަރ ކުރާ އުމުރަކީ 74 އަހަރު ކަމުގައި ހަމަޖެއްސެވި ނަމަވެސް މިހާރު ވެސް ސިވިލް ސަރވިސް އިން ރިޓަޔަރ ކުރާ އުމުރުގައި ރިޓަޔަރ ކުރެއްވުމަކީ އެބޭފުޅެއްގެ އިޚުތިޔާރުގައި އޮތް ކަމެއްކަށެވެ.
ރިޓަޔަރ ކުރާ އުމުރު 74 އަހަރަށް ބަދަލު ކުރެއްވުމަކުން 65 އަހަރުވުމުން ލިބޭ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.