ރޯމޭނިޔާގައި ވެރިކަންކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ޕީއެސްޑީ) ގެ ސަރުކާރާ ދެކޮޅަށް ހުކުރު ދުވަހު އެތައް ހާސް ބަޔަކު ނުކުމެ ކުރަން ފެށި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވި ނަމަވެސް، މުޒާހަރާތައް ހުއްޓާނުލައި ތިން ވަނަ ދުވަހު ވެސް ވަނީ ކުރިއަށް ގޮސްފައެވެ. ހުކުރު ދުވަހުގެ ރޭ މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 450 މީހުން ޒަޚަމުވެފައި ވެއެވެ.
ޔޫރަޕުގެ އެންމެ ކޮރަަޕްޝަން ބޮޑު ގައުމު ކަމަށް ބުނެވޭ ރޯމޭނިޔާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާތައް ފެށީ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހުންގެ ޖަމާއަތްތަކުންނެވެ. އެމީހުން މުޒާހަރާއަށް ނުކުތް ސަބަބުތައް ކަމުގައި ބުނެފައި ވަނީ ކޮރަޕްޝަން ހައްދު ފަހަނަައަޅައި ދިއުމާއި، މުސާރަ ކުޑަވުމާއި، ޝަރުއީ ދާއިރާގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތްކުރުމެވެ.
ގައުމުން ބޭރުގައި މަސަކައްކުރަން ތިބެފައި އެނބުރި އައި އެތައް ހާސް ބަޔަކު ހިމެނޭހެން، ބުޚަރެސްޓުގެ ނަސްރުގެ މައިދާނަށް އަށްޑިހަ ވަރަކަށް ހާސް މީހުން އެއްވެ މުޒާހަރާތައް ފެށީ "ވިއްސިވިހާލިވެފައި ތިބި މީހުންގެ އެއްވުން" މި ޝިއާރުގެ ދަށުންނެވެ.
ޔޫރަޕިއަން ޔުނިއަންގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރޯމޭނިޔާ މީހެެއްގެ އެވަރެޖް މުސާރައަކީ މަހަކު 520 ޔޫރޯއެވެ. ފާއިތުވި 15 އަހަރު ރޯމޭނިޔާގެ 4 މިލިއަން މީހުން (ގައުމު އާބާދީގެ %20) ވަނީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި ގައުމުން ބޭރަށް ހިޖުރަކޮށްފައެވެ. ފާއިތުވި 2017 ވަނަ އަހަރު އެމީހުންގެ އާއިލާތަކަށް އެމީހުން ފޮނުވި ފައިސާގެ ޖުމްލަ 4.3 ބިލިއަން ޔޫރޯއަށް އަރައެވެ. އެއީ ރޯމޭނިޔާގެ ގައުމީ އުފެއްދުންތެރިކަމުގެ %2.5 އެވެ.
ތިންވަނަ ރޭ މުޒާހަރާއަށް ނުުކުތް މީހުން ކުރީ ދެރެއަށް ވުރެ މަދު ނަމަވެސް، އެމީހުން ވަނީ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.
2016 ވަނަ އަހަރު އަލުން އިންތިޚާބުވުމަށް ޕީއެސްޑީ ސަރުކާރުން ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ބުނެ، އެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެ ބަދަލުތަކުގެ ބޭނުމަކީ ޝަރުއީ ދާއިރާ ބަލިކަށިކޮށް، ސަރުކާރުގެ ނުފޫޒު އެ ދާއިރާގެ މައްޗަށް ގަދަކުރުމެވެ.