ރާއްޖޭގައި ފުރަތަމަ ފަހަރަށްކުރި ހިތުގެ ބައިޕާސް އޮޕަރޭޝަން އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލުން ކޮށްފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފައި ވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީއެއްގެ އެވެ. އުމުރުން 54 އަހަރުގެ މި ފިރިހެންމީހާގެ ހިތުގެ ބައިޕާސް އޭޑީކޭގައި ކޮށް ނިމުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޖަލުން ގެންދެވުނު ގައިދީގެ ހިތުގެ ބައިޕާސް އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުގައި ކުރުމަށް 9 ގަޑިއިރު ހޭދަވީއިރު އޮޕަރޭޝަން ކޮށްފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ހިތުގެ ބަލީގެ ޚާއްސަ ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ޝާފިއުގެ އިތުރުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނޭޕާލުގެ ޑރ. ރަންޖަން ސަޕްކޮޓާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތުގެ މައްސަލައިގައި ޖަލުން ގެންދެވުނު މީހާގެ ބައިޕާސް އޮޕަރޭޝަނަށް ފަހު އޭނާގެ ޙާލުވެސް އަންނަނީ ރަނގަޅު ވަމުންނެވެ. ހިތުގެ ބައިޕާސް އޮޕަރޭޝަން ކޮށްއުޅެނީ ހިތް ހުއްޓުމުގެ ނުރައްކާ ބޮޑުވުމުން އެކަމުން ސަލާމަތް ކުރުމަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ރާއްޖޭގެ ހޮސްޕިޓަލެއްގައި ކޮށްފައިވާ ފުރަތަމަ ފަހަރެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ މީގެކުރިން ސިއްޙީ ދާއިރާގައި އެހެން ހޮސްޕިޓަލުތަކުން ރާއްޖޭގައި ލިބެން ނެތް ވަރަށްގިނަ ޚިދުމަތްތައް ތައާރަފް ކޮށްފައެވެ. އަދި އެހެން ހޮސްޕިޓަލުތަކުން އަދި ކުރެވެން ނެތް ޓެސްޓުތަކާއި އޮޕަރޭޝަންތައް މީގެކުރިންވެސް އެ ހޮސްޕިޓަލުން ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކޮށްފައެވެ.