ރައްޔިތުން ބޭނުންވާ ކަންކަމުގައި އޮޅުވައި ނުލައްވާ: ރައީސް

ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ ކަންތައްތަކުގައި އޮޅުވައިލައިގެން ވާހަކަ ނުދެއްކެވުމަށް ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް  ގޮވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވައިލެއްވީ ގއ.ވިލިނގިއްޔަށް  ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ކޮށްދެއްވަން ވިދާޅުވާ ކަންތައްތައް ނުކޮށްދެއްވުނީ ހާލަތު ބަދަލުވެގެން ކަމަށް ވީދާޅުވުމަކީވެސް ރަނގަޅު ކަމެއްނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވުމުގެ މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށްޓަކާ އެއްވެސް އޮޅުވާލުމެއްނެތި ކޮށްދެއްވާފައިހުރި އަދި މުސްތްޤްބަލުގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

އެގޮތުން، ޓޫރިޒަމްގެ ދާއިރާ އިތުރަށް ވަރުގަދަކުރައްވައި ތަރައްގީ ކުރެއްވުމަށް އިތުރު އެނދާއި ރިޒޯޓު ތަރައްގީ ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އޭގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ޚާއްސަ ގޮތެއްގައި ޒުވާނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.