ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިޔުންއޮތީ ރައްޔިތުންގެ އަތްމަތީގައި: ޑރ. މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެއަށް ގެނެސްދެއްވައިފައިވާ އަދި ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިޔުން މިހާރުއޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފާއިތުވި 4 އަހަރާއި ބައިގެ ތެރޭގައި ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރައްވައިފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެމަނިކުފާނު ރާއްޖެއަށް ތަރައްގީ ގެނެސްދެއްވަނީ ވަރަށް ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު އަމާޒެއް އޮވެގެން، ފަންނުވެރިކަމާއެކު ހުރިހާ ކަމެއް ރާއްވަވައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން އެރައްޔިތުންގެ ތަރައްގީއަށްޓަކައި މިވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އެއަށްވުރެ މަތީ ހަރުފަތަކަށް ގެންދިޔުމުގެ ފުރުސަތު ރައްޔިތުންގެ އަތްމަތީގައި މިއޮތީ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގައި ރައްޔިތުންގެ ހިއްސާ ވަރަށްބޮޑު ކަމަށާއި އިތުރަށް ކުރަންހުރި ކަންކަމުގެ ހިއްސާ އެއަށްވުރެ ބޮޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ތަރައްގީގެ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދެންވެސް ރައީސް ޔާމީނަށް ދެއްވެންއޮތީ ރައްޔިތުންނަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. "މިއަންނަމަހުގެ ތޭވީސް ވަނަދުވަހަކީ އެފުރުސަތުގެ ބޭނުން ހިފަންއޮތް ދުވަސް،" އެމަނިކުފާނު ވިދާޅުވިއެވެ. އެދުވަހަކީ ރައީސް ޔާމީނާއެކީގައި ކުރިއަށްދާނީތޯ ނުވަތަ އެއްވެސް "ހަރުދަނާ ކަމެއްނެތްބަޔާކާއެކީ" ކުރިއަށްދާނީތޯ ނިންމަންއޮތް ދުވަސް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.