ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު މިހާރު އިލެކްޝަން ކޮމިޝަނުން ތާވަލު ކޮށްފައިވާ ތާރީޚުގައި ބާއްވަންޖެހޭނެ ކަމަށާއި އިންތިޚާބު އެއަށްވުރެ ފަސްކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއްނޫން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނު ދަތުރުފުޅެއްގައި ތ. އަތޮޅަށް މިއަދު ވަޑައިގެން އިބޫ ވިދާޅުވީ މިހާރު އޮތް ތާރީޚުގައި އިންތިޚާބު އޮންނާނެ ކަމަށެވެ. އިބޫ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އިންތިޚާބުގައި ވޯޓު އޮޅުވާލަން ކަމަށާއި ނަމަވެސް ކިތަންމެ މަސައްކަތެއް ކުރިޔަސް އެފުރުޞަތު ސަރުކާރަށް ނުދެއްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާންޖެހޭނީ ސަރުކާރުން އެރަށަކަށް ކޮށްދޭ ކަންކަމަށް ވިސްނާފައި ނޫން ކަމަށާއި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭ ކަންކަމަކީ އެއްވެސް ވޯޓަކާއި ވިއްދާފައި ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށެވެ. އެހެންވެ ހުރިހާ ރަށެއްގެ މީހުންވެސް ގައުމަށް އެންމެ ފައިދާހުރި ރަނގަޅު ގޮތެއް ވިސްނާފައި ވޯޓު ދެއްވުމަށް އިބޫ އެދިވަޑައިގަތެވެ.
އިންތިޚާބު ފަސްކުރަން ނުކެރޭނެ ކަމަށް އިބޫ މިއަދު ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނީ ސަރުކާރުން އިންތިޚާބު ފަސްކުރަން އުޅޭ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ ކަމަށްވާ ޕީޕީއެމުން ބުނީ އިންތިޚާބު ފަސްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން އިންތިޚާބު ފަސްކުރަން ނިންމައިފިނަމަ އެޕާޓީން އެކަމަށް އެއްބާރުލުންދޭނެ ކަމަށް ވަނީ ބުނެފައެވެ.