ޖޯޑަން (އުރްދުން) ގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރެފިއުޖީންނަކީ ރެފިއުޖީން ނޫންކަމަށް ކަނޑައެޅުމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ އެޑްވައިޒަރު އަދި ދަނބިދަރި ޖެރާޑް ކުޝްނާ އެގައުމަށް ފިއްތުއްތައް ކުރިމަތިކުރައްވަމުުން ގެންދަވާ ކަމުގައި އެމެރިކާގެ 'ފޮރިން ޕޮލިސީ' މަޖައްލާއިން ބުނެފިއެވެ. އަދި އޭގެ ބޭނުމަކީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕެލަސްޓައި ރެފިއުޖީސް އިން ދަ ނިޔާ އީސްޓް (އަންރުވާ) ގެ މަސައްކަތައް ހުއްޓުވާލުމެވެ.
އެމެރިކާއާާއި ފަލަސްޠީނުގެ ބައެއް މަސްއޫލެވެރިން ވިދާޅުވާ ގޮތުގައި އެމެރިކާ ސަރުކާރުން އަންރުވާގެ މަސައްކަތް ހުއްޓާލުމަށް މަސައްކަތްކުރަމުން ދަނީ އިސްރާއީލާ ފަލަސްޠީނާ ދެމެދު ކުރިމަގުގައި ދެކެވިދާނެ ސުލްހައިގެ ވާހަކަތަކަކުން ފަލަސްޠީނު ރެފިއުޖީންގެ މައްސަލަ މުޅިން އެއްފަރާތްކޮށްލުމެވެ.
'ފޮރިން ޕޮލިސީ' މަޖައްލާއިން ބުނި ގޮތުގައި ކުޝްނާއާއި "ކޮންމެހެންވެސް އަންރުވާގެ މަސައްކަތް ހުއްޓުވަންޖެހޭ" ކަމަށް ބުނެ އެމެރިކާގެ ބައެއް މަސްއޫލުވެރިނާ ދެމެދު ބަދަލުކުރެވިފައިވާ އީމޭލްތަކެއް އެމަޖައްލާއަށް ވަނީ ލިބިފައެވެ.
"އެ (އެޖެންސީ) ދަނީ މިހާރު އޮތް ޙާލަތު އިތުރަށް ގޯސްކުރަމުންނެެވެ. އެއީ ފަސާދަވެފައިވާ، ބޭނުމެއް ނުހިފޭ އަދި ސުުލްހައަށް މަގުފަހިކޮށްނުދޭ އެޖެންސީއެކެވެ." އޭގެ ތެރޭން އެއް އީމޭލުގައި ކުޝްނާ ވިދާޅުވެފައި ވެއެވެ.
"އަންރުވާއަށް ހުރަސްއަޅަން ތެދުވެރި އިޚްލާސްތެރި މަސައްކަތްތަކެއް ކުރުމަކީ މުހިއްމު ކަމެކެވެ." ރައީސު ޓްރަމްޕް މެދުއިރުމައްޗަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު ޖޭސަން ގްރީންބްލަޓަށް 11 ޖަނަވަރީ 2018 ގައި ކުޝްނާ ފޮނުއްވި އީމޭލެއްގައި ވެއެވެ.
1949 ވަނަ އަހަރު އަންރުވާ އުފެދުނީއްސުރެ، އެމެރިކާގެ ސަރުކާރުތަކުން އައީ އެ އިދާރާއަަށް އެހީވަމުންނެވެ. އިސްރާއީލު އުފެދުމުން ގެދޮރު ގެއްލުނު ފަލަސްޠީނު މީހުން މިހާރު ތިބި ތަންތަނުގައި ބައިތިއްބައިގެން އެމީހުންގެ ކަންތައް ބެލެހެއްޓުމުގެ ބޭނުމުގައެވެ. ނަމަވެސް، އެމެރިކާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތު މިވަނީ އެއާ ދިމާ އިދިކޮޅަށް އެނބުރިފައެވެ. ބެލެވޭ ގޮތުގައި އޭގެ ބޭނުމަކީ އިސްރާއީލުކޮޅަށް މައްސަލަ މުޅިން އަނބުރާލުމެވެ.
'ފޮރިން ޕޮލިސީ' މަޖައްލާގެ މި ޚަބަރާ ގުޅިގެން ފަލަސްޠީނުގެ ރިޔާސަތުން ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މަަޖައްލާއިން ހާމަކުރިން ކަންކަމުން އެނގިގެން ދަނީ "ފަލަސްޠީނުގެ މައްސަލަ މުޅިން ސާފުކޮށް ނައްތާލުމަށް ނުބައިރޭވުންތަކެއް ރާވަމުންދާ ކަމާއި، އެކަންތަކާ ކުރިމަތިލައި އޭގެ ހަގީގަތް ހާމަކުރުގެ މުހިއްމު ކަމެވެ."