
ދިވެހި ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެމަނިކުފާނުގެ ރަސްމީ ފޭސްބުކުގައި މިރޭ ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހި ގައުމުގެ އަމާންކަން ނަގާލަން ބަޔަކު މީހުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަށް ސަލާމަތީ ބާރުތައް ގުޅިގެން ތައްޔާރުވެ ވަރަށް ކައިރިން އެކަން ބަލަމުންދާނެ ކަމަށެވެ.
މިނިސްޓަރ ޝަރީފް ވިދާޅުވީ ދިވެހި ގައުމުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ވީހާވެސް އަވަހަށް ސަލާމަތީ ބާރުތައް ކަމަށްވާ އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެންގެވުމަށް އާންމު ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނު އަސާސީ ރައްކާތެރިކޮށް، ދިވެހި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން ޤާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށާއި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްވެސް އަރުވާ ކަމަށެވެ.