
ސިޔާސީ މައިދާނުގައި ހިނގަމުން އަންނަ ކަންކަމާއިހުރެ އާއިލާ އާއި އަމިއްލަފުޅު ވިޔަފާރިއަށްވެސް އަނިޔާ ތަކާއި ގެއްލުންތައް ވަމުން އަންނައިރުވެސް ސިޔާސީ މައިދާނުގައި ސާބިތުވެވަޑައިގެން ހުންނެވީތީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމަށް ޝުކުރު ދަންނަވާ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖޭޕީ އަށާއި ގާސިމަށް މަރުޙަބާ ދަންނަވައި މަހްލޫފް ވިދާޅުވީ ގާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. ސިޔާސީ މައިދާނުގައި އަމިއްލަފުޅު އާއިލާ އާއި އަމިއްލަފުޅު ވިޔަފާރިއަށް އަނިޔާތައް ލިބެމުންދާއިރުވެސް ގާސިމް އެ ހުންނެވީ ސާބިތުކަމާއެކުގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ 11 ވަނަ އަހަރީ ދުވަހާއި ގުޅިގެން މަހްލޫފްގެ އިތުރުންވެސް ވަރަށްގިނަ ސިޔާސީ ބޭފުޅުން ވަނީ ގާސިމް އިބްރާހިމްގެ ސިޔާސީ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ގާސިމްގެ މައްޗަށް ދައުވާކޮށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވާފައިވާ ގާސިމް މިހާރު ދިރިއުޅުއްވަނީ ޖަރުމަނު ވިލާތުގައެވެ.