ހައްދުފަހަނަ އަޅައި ދިއުމަށް މަގުފަހިވާ ކަންކަން ދެނެގަނެ އެފަދަ ކަންމާއި ޓެރަރިޒަމް އަށް މަގުފަހިވާ ފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާބެހޭ މަޢުލޫމާތު ދިނުމަށް ޓާކިޝް ޕޮލިސް އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިމަހުގެ 11 ން 14 އަށް އިސްކަންދަރު ބިލްޑިންގުގައި ކުރިޔަށް ގެންދިޔަ މި ތަމްރީނު ތަކަކީ ޓާކިޝް ޕޮލިސް އާއި ދިވެހި ފުލުހުންގެ މުއައްސަސާ ގުޅިގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ ޓާކިޝް ޕޮލިސްގެ ތަޖުރިބާކާރު ފުލުހުންނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް އަދި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގައި މަސައްކަތްކުރާ 30 ފުލުހުންނަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހައްދުފަހަނަ އަޅައި ދިއުމަކީ ކޮބައިކަމާއި އެފަދަ ޖަމާޢަތްތަކާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައި ހުރި ކަންކަމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތްތައް އުފެދިގެންދާ ގޮތާއި އެފަދަ ޖަމާޢަތްތަކަށް މީހުން ވެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޙަރަކާތްތަކާއި އެފަދަ ޙަރަކާތްތަކަށް ފާރަވެރިވެ އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް ވަނީ މަޢުލޫމާތުދީ މަޝްވަރާ ކޮށްފައެވެ. އަދި ހައްދުފަހަނަ އަޅައި ދިއުމުގެ ޙަރަކާތްތަކުގެ ތެރެއިން ޓެރަރިޒަމްގެ ކަންކަން އުފެދި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ކަންކަމާއި ހައްދުފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމްއާއި ހުރި ގުޅުމާއި ޓެރަރިޒަމްގެ ޢަމަލުތައް ދެނެގަނެ ފިޔަވަޅު އަޅާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ހައްދުފަހަނަ އަޅައިދާ މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާފައިހުރި ނުރައްކާތެރި ޢަމަލުތަކާއި އެކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުދީ ތުރުކީގައި ހިންގާފައި ހުރި އެފަދަ ނުރައްކާތެރި ކަންކަމުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވަމުންދާ ގޮތްތައްވެސް މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އޮޅުންފިލުވައިދީފައި ވެއެވެ. ހަމަ އެއާއެކު ހައްދުފަނަ އަޅައިދިއުމާއި ޓެރަރިޒަމަށް މަގުފަހިވާފަދަ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ގޮތުން ކުރެވެންހުރި މަސައްކަތްތަކާއި ޓެރަރިޒަމްގެ ޢަމަލުތަކަށް މަގުފަހިވާފަދަ ކަންކަން ފާހަގަ ކުރެވިއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ އެވެ.
މި ރަސްމިއްޔާތުގައި އައިލްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނު އާއި ޕޮލިސް އެކަޑަމީގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް އާއި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވި މުދައްރިބުންނާއި ފުލުހުން ބައިވެރިވިއެވެ.