އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ތެރޭގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މަޖިލިހަށް ވަޑައިގެންނެވުމުން ފުލުހުން އެކަމަށް ހުރަސް އެޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ކުރައްވާ އެފަދަ ކަންކަންކަމަށް އެބޭފުޅުން ޒިންމާ ނަންގަވަންޖެހޭނެ ކަމަށް އޭނަ ވިދާޅުވިއެވެ. އެބޭފުޅުންނާ ވެސް ގާނޫނު އަރައި ހަމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެބޭފުޅުން މަޖިލީހަށް ނުވެއްދިޔަސް ބެރިކޭޑު ބޭރުންނާއި އެތެރެއިން ވެސް ކުރައްވަމުން ގެންދަވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށާއި އެކަމުގެ ދެމިތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ނިންމަވާފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ވަހީދު (ލޯޔަރު ވައްޑެ) ވިދާޅުވީ އެބޭފުޅުންގެ ގޮނޑީ ގެއްލިފައި ނުވާކަމަށެވެ. އަދި ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުންވެސް ކަނޑައަޅައިފައި ނުވާކަމަށެވެ. އޭނާ އެހެން ވިދާޅުވިޔަސް އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ހަމަ އެކޯޓުންވަނީ ބާތިލް ކުރައްވައިފައެވެ. އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމުގެ އެތައް ހުއްޖަތެއް އޭނާ ވަނީ މިއަދު ވެސް ވިދާޅުވެފައެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ވެސް ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުގެ އެންމެ ފަހުގެ ހުކުމުން ވެސް އެނގެން އެބައޮތް ކަމަށެވެ.