ވިލިމާލެ މަޝްރޫއުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލާން އަންގާރަ ދުވަހު ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދާދިފަހުން އިއުލާނު ކުރެއްވި ވިލިމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ފަހު 18 އަހަރުން މަތީ މީހުންނަށް އެތަނުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ވައުދުގެ ތެރެއިން އަލަށް ފައްޓަވާ މި މަޝްރޫއުގެ ދަށުން 18 އަހަރުން މަތީގެ މީހުންނަށް ދޫކުރަން ނިންމާފައިވާ 1000 އަކަފޫޓްގެ ގޯއްޗާއި ފްލެޓަށް އެދުމަށް ފުރުޞަތު ހުޅުވާލުމަށް ފަހު އެކަމަށް އެދޭ ފޯމުވެސް އަންނަ އަންގާރަ ދުވަހު ދޫކުރަން ފައްޓަވާނެ ކަމަށެވެ. އަދި މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފޯމު ބަލައިގަންނަން ފައްޓަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ހިޔާ އެކޮމްޕްލިޝްމަންޓް" ގެ ނަމުގައި ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ފުށިފަރާއެކު ޖުމްލަ 1000 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިނިސްޓަރ މުއިއްޒު ވިދާޅުވީ 3 ލައްކަ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް އަމާޒުކޮށް ސަރުކާރުން ފައްޓާ އެ މަޝްރޫއުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް އެދުމުގައި އޮންނާނީ މައިގަނޑު ދެޝަރުތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެ ޝަރުތުގެ ތެރެއިން ފުރަތަމަ ޝަރުތަކީ އެމީހަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން ކަމަށެވެ. އަނެއް ޝަރުތަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި އެމީހާގެ އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނެތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.