ރ. އަތޮޅު މާކުރަތުގެ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މާކުރަތުގެ ދެގެއެއް ބަލައި ފާސްކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ އެރަށުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ދެގެވެސް ބަލައި ފާސްކުރީ ކޯޓު އަމުރެއްވެސް ހޯދައިގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ދެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކަކާއި ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއްވެސް ފެނިފައިވާ ކަމަށެވެ. ނަމަވެސް މިދެގެއިން މި ފެނުނު ސިހުރާއި ގުޅޭ އެއްޗެހިތަކުގެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެކުރިންވެސް ފުލުހުން ވަނީ ރާއްޖޭގެ އެކިރަށްރަށުން ސިހުރު ހެދުމާއިބެހޭ ފޮތްތަކާއި ސިހުރު ކަމަށް ލަފާކުރެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެފަދަ މައްސަލަތަކުގައި މީގެކުރިން ބަޔެއް މީހުން ހައްޔަރުވެސް ކޮށްފައިވެއެވެ.