ކެންޑިޑޭޓުންނަށް ރައްކާތެރިކަން ދެއްވުމަށް ޑިފެންސްގައި އެދެފި

ރިޔާސީ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ނާއިބުން (ރަނިންމޭޓުން) އަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް ޑިފެންސް މިނިޓްރީގައި އެދިވަޑައިގެންފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކުރަމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓުންނާއި ނާއިބުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް ފަށްޓަވަންޖެހެނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ރިޔާސީ ކެންޑިޑޭޓުންނާއި ނާއިބުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާކަމެކެވެ.

"ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނާއިބުންނަށް، (ރިޔާސީ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން) 18 އޯގަސްޓް 2018 އިން ފެށިގެން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑެ ނެޝަނަލް ސެކިޔުރިޓީ އަށް އެދެފި،" އަކުރަމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރެއިން އިލެކްޝަން ކޮމިޝަނަށް މިހާތަނަށް ފޯމު ހުށަހަޅުއްވައިފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލި (އިބޫ) އެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ގަބޫލުކުރައްވައި އެކަމުގެ ލިޔުން ވެސް ހަވާލު ކުރައްވައިފައެވެ. އިބޫގެ ރަނިންމޭޓަކީ ކާށީދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެންބަރު ފައިސަލް ނަސީމެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓަކީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެބޭފުޅުންގެ އިތުރަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރާއި، އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިން ވެސް ވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. އެހެންނަމަވެސް މިއިން ބޭފުޅަކު އަދި ރަނިންމޭޓްވެސް އިއުލާން ކުރައްވައިފައި ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.