މިއަދަކީ މިސަރުކާރާއެކު ދިވެހިން ތަޙަންމަލުކުރާނެ އެންމެފަހު މިނިވަން ދުވަސް- ޝާހިދު

މިއަދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ދިވެހިން "ތަޙަންމަލުކުރާނެ" އެންމެ ފަހު މިނިވަން ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޝާހިދު އާންމު ކުރެއްވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވެފައި ވަނީ ﷲގެ ހެޔޮ ރަޙްމަތްފުޅާއި އިރާދަފުޅުން މިއަހަރުގެ މިނިވަން ދުވަހަކީ "އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަމާއި ފަސާދައިން ފޯވެފައިވާ މިއަދުގެ ސަރުކާރާއެކު ދިވެހިން ތަޙަންމަލު ކުރަންޖެހޭނެ އެންމެ ފަހު މިނިވަން ދުވަސް" ކަމަށެވެ.

ޝާހިދުގެ މެސެޖުގައި ވިދާޅުވީ ދިވެހިންނާ ހަގީގީ މިނިވަން ދުވަހެއް އަންނަ އަހަރު ބައްދަލު ކުރާނެ ކަމަށެވެ. އެހެންކަމުން މިއަދު އަޒުމަކަށް ވާންޖެހޭނީ ދިވެހިން އެދޭ ހަގީގީ މިނިވަން ދުވަސް ޙާސިލް ކުރުމަށް "އަތުރުކުރި އޮޅާލުމަށް ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

"އުދަރެހުން ފެންނަމުންދާ އުންމީދުގެ ކުލަތައް ހަގީގަތަކަށް ހެދުމަށް ކަމަރު ބަނުން، އެންމެން އަތުގުޅާލައިގެން ނުކުމެ މިއަދުގެ އަނިޔާވެރި ސަރުކާރަށް ފިސާރި ކެރިގެން ނޫނެކޭ ބުނެ މި ދިވެހިން ބިން މިނިވަން ކުރުން" ޝާހިދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ މިނިވަން ދުވަހާއި ގުޅިގެން ސަރުކާރުންވެސް ވަނީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައެވެ. އެގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި މިފަހަރު ގަލޮޅު ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.