މިހާރަކަށް އައިސް ބޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް ވިހާވެސް ބޮޑަށް އަސްލާ އެއްގޮތް ކުރުމަށް ތަފާތު މަސައްކަތް ކުރެވެއެވެ. އެގތުން ފިލްމުގައި ބޭނުންކުރާ ތަކެއްޗާއި ސެޓިން ތައްޔާރު ކުރުމަށް ބޮޑެތި މަސައްކަތްތައް ކުރެއެވެ. ދާދިފަހުން އާމިރް ޚާން އާއި އަމީތާބް ބައްޗަން ގެ ފިލްމް 'ތަގްސް އޮފް ހިންދުސްތާން' ގެ މަންޒަރުތައް ނެގުމަށް 2 ލައްކަ ކިލޯއަށްވުރެ ބަރު ދެ ބޯޓު ތައްޔާރުކުރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކަނޑާއި ބޯޓުފަހަރަކީ 'ތަގްސް އޮފް ހިންދުސްތާން' ގެ މުހިއްމު ބައެކެވެ. ފިލްމުގެ މަސައްކަތުގައި އުޅޭ އިސްފަރާތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޮޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ހިްނދީ ސިނަމާއިން ފެނިފައިނުވާހާ ހިތްގައިމު މަންޒަރުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން އާމިރް ޚާން އާއި ފިލްމުގެ ޕްރޮޑިއުސަރު އަދިތްޔާ ޗޯޕްޅާ ބޭނުންވެއެވެ. ފިލްމު ތައްޔާރު ކުރުމަށް ބޮޑޫ ބަޖަޓެއް މިހާތަނށް ހޭދަވެފައިވާ އިރު ބޯޓުތަކުގެ އަގުވެސް އެތައް ކުރޯޑަކަށް އަރާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ބޯޓުތައް ނިންމުމަށް އިންޓަނޭޝަނަލް ޑިޒައިނަރުންނާއި ބޯޓު ބަންނަ މީހުން ހމެނޭގޮތަށް 1000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެއެވެ. ބޯޓު ބަނދެފައިވަނީ މޯލްޓާގައެވެ. މަސައްކަތް އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަވިއެވެ. ބޯޓުތައް ފަރުމާ ކުރުމުގައި އަސްލާ އެއްގޮތް ކުރުމަށާއި ރީތި ކަމަށްވެސް ބަލާފައިވެއެވެ.
ފިލްމުގައި އަމީތާބް އާއި އާމިރް ޚާންގެ އިތުރުން 'ދަންގަލް' ގެ ތަރި ފާތިމާ ސަނާ ޝައިޚް އާއި ކަޓްރީނާ ކައިފް މުހިއްމު ރޯލުތަކެއް ކުޅެއެވެ.