އަޅުގަނޑުގެ ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ އިތުރު ފައިސާލާއެއް ކޯޓުން ކުރާނެ: އުމަރު

މިއަހަރު ސެޕްޓެމްބަރ 23 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން އަމުރު ކުރުމުން އުމަރުގެ ފަރާތުން މިއަދު ކޯޓަށް ވަޑައިގެންފިއެވެ.

ކޯޓަށް ވަޑައިގެންނެވުމަށްފަހު އުމަރު ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލްކޯޓުން އަމުރެއް ނެރުނުކަން އަޅުގަނޑުގެ ސަމާލުކަމަށް އައީ އިއްޔެ މިޑިއާ މެދުވެރިކޮށް. އެކަމާ ގުޅިގެން މިއަދު އަޅުގަނޑުގެ ފަރާތުން ސިވިލްކޯޓަށް ގޮސް މައުލޫމާތު ސާފުކުރުމުން އެނގުނީ އެ ކޯޓުން އެ އަމުރު ނެރުނުއިރު ޓޫރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނާ ބެހޭ އެންމެފަހުގެ މައުލޫމާތު އެ ކޯޓަށް ލިބިފައިނުވާކަން،" ކަމަށެވެ.

އުމަރުގެ ފަރާތުން މިއަދު ވަނީ ކަންހިނގާފައިވާގޮތް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެހެންކަމުން ވަރަށް އަވަހަށް އެ އަމުރާބެހޭ ގޮތުން އިތުރު ފައިސާލާއެއް ކޯޓުން ކުރައްވާނެ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރާ ގުޅިގެން ކޯޓަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު މިހާރުވަނީ އެކޯޓަށް ފޯރުކޮށްދެވިފައި. އަދި އެކަމާ ގުޅިގެން ލަސް ނުކޮށް އެކޯޓުން އިތުރު ފައިސަލާއެއް ކުރައްވާނެ ކަމަށް މިހާރުވަނީ އެނގިފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމަށްފަހު އޭނާއާ ގުޅުންހުރި ހުރިހާ ވިޔަފާރީގެ މަސްލަހަތެއް މިހާރުވާނީ ދޫކޮށްލައްވައިފައި ކަމަށެވެ. އަދި އެކިއެކި ކުންފުނި ތަކުގައިހުރި އެމަނިކުފާނުގެ ހިއްސާތައް ވެސް ވާނީ އެހެނިހެން ފަރާތްތަކަށް ބަދަލު ކުރައްވައިފައި ކަމަށް ވިދާޅުވިއެވެ. "އެކަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގައި މިދިޔަ މަހު ރަޖިސްޓްރީ ކޮށްފައި،" ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެން ކަމުން އުމަރުގެ އެއްވެސް ހިއްސާއެއްއޮތް އެއްވެސް ވިޔަފާރިއެއް މިވަގުތު ނޯންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.