ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ ފަތިފުށް ހާމަނުކުރާނެ: ރައީސް

ގައުމިއްޔަތުގެ ސިފައިގެ އެންމެ މުހިންމު އަސާސަކީ އަދި ގައުމިއްޔަތުގެ ސިފަ ދެމެހެއްޓުމަކީ ގައުމަށް ހެޔޮއެދުން ކަމަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު ބޭރުދުނިޔޭގައި އުމުގެ ފަތިފުށް ހާމަކޮށް ގައުމަށް ދެރަވާގޮތަށް ކަންކަން ނުކުރާނެ ރައީސް ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމާއި، ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމާއި، ދިއްދޫ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދިއްދޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާލު ތަފާތުވާކަންކަމަށާއި ޚިޔާލު ތަޣައްޔަރުވާ ކަންކަމަށާއި ވަކިވަކި ފަރުދުންނަށް އިސްކަން ނުދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެއްބައިވަންތަކަން ފެނިގެންދަނީ ފެއްސާ ރަތާއި ހުދު ގުޅުމުންކަމަށާއި ޤައުމުގެ އިސްތިގްލާލާއި، ސިޔާދަތާއި، މިނިވަންކަމާއި ދައުލަތާއި ގައުމު ރަމްޒުކޮށްދެނީ ވެސް ފެއްސާ ރަތާއި ހުދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވާ ފަރާތްތަކުން ޚިޔާލުތަފާތުވާ ކަންކަމަކީ ކޮބައިކަމާއިމެދު ސުވާލު އުފައްދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރު އޮތްހާ ހިނދަކު ގާނޫނު ތަންފީޒު ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ. އެއްވެސް ރަހުމެއްނެތި މީހުންނަށް އަނިޔާދީ މީހުންކަތިލުމާއި ރާއްޖެއަށް ކުރިމަތިވާ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ތާއީދުކުރާނަމަ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަކީ ޚިޔާލުތަފާތުވާން ޖެހޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބޮޑެތި ކުށްކުރާ މީހުންނަށް އަދަބު ލިބުމަކީ އެއްވެސް މީހަކު ޚިޔާލުތަފާތުވާން ޖެހޭކަމެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ޒުވާންކުދިން މީހުންގެ ހައްޤުތަކަށް އަރައިގަތުމަށް މި ސަރުކާރުން އެއްބާރުލުން ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަމީހަކު ކުރިއަސް ބޮޑު މީހަކު ކުރިޔަސް ކުށެއް ކޮށްފިނަމަ އެކަމަށް ހައްޤު އަދަބު މިސަރުކާރުގައި ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.