
މާލެ އަތޮޅު ވާދޫ ކައިރިން ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދަނިކޮށް އޭގެ ފަޅުވެރިންގެ މަސައްކަތުން ދޯނި ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ "ވޭކަން ނަމަކަށް ކިޔާ އެދޯނީގެ ޕަމްޕުގެ އެހީގައި ފަޅުވެރިންކުރި މަސައްކަތުން ދިޔަވުންވަނީ ކޮންޓްރޯލް ކޮށްފައި،" ކަމަށެވެ.
ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ ކަފުޖަހައިގެން އެ ދޯނި މާލެ ގެނައުމުގެ ދަތުރު މިހާރުވަނީ ފަށައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި އެމްއެންޑީއެފް ކޯސްޑުގާޑުގެ ލޯންޗެއް ދޯނީގެ ކައިރީގައި އޮވެ އެހީތެރިވަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެ ދޯންޏަކީ ވެލި ބަރުކޮށްގެން ދަތުރު ކުރަމުން އައި ދޯންޏެކެވެ. އޭގައި 6 މީހުން އެބަތިބިއެވެ. އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެންއެމްޑީއެފުން ވިދާޅުވިއެވެ.