
ރައީސް ޔާމީން ފަދަ އިކޮނޮމިސްޓެއްގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ ދީނީ އިލްމުވެރިއަކު ވަޑައިގެންނެވުމަކީ ދީނީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބި ރައީސްގެ ދީނީ ސިޔާސަތު ތަންފީޒު ކުރަން ފަސޭހަވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
ޖޭޔޫ ވިދާޅުވީ ރަނިންމޭޓް ޑރ. ޝަހީމް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަކީ ރާއްޖޭގައި ރައީސް ޔާމީންގެ ދީނީ ސިޔާސަތު ތަންފީޒު ކުރެއްވުމަށްޓަކައި ލިބިވަޑައިގަންނަނަވާނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. ޑރ. ޝަހީމްގެ އެހީތެރިކަމާއެކު ރައީސް ޔާމީންގެ ދީނީ ސިޔާސަތު ފެނިގެންދާނީ ވަރަށް އެކުވެރި އެއްބައިވަންތަ ކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރާއްޖެ އިތުރަށް ތަރައްގީ ކުރައްވަން ފަސޭހަވާނެ ކަމަށްވެސް ޖޭޔޫ ވިދާޅުވިއެވެ.
ރައީސް ޔާމީން ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސެވުމުން ވަރަށް ގިނަ ޒުވާނުންނާއި އެހެން ޕާޓީތަކުގެ މީހުންވެސް މިހާރު ދަނީ ޕީޕީއެމަށް ތާއިދު ކުރައްވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ޝަހީމަށް ތާއިދު ކުރައްވައިފައިވާތީ އެއީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.
"ރައީސަކީ ތަރައްގީއަށް މަސައްކަތްކުރައްވާ އިކޮނޮމިސްޓެއް. އަދި ރައީސްގެ ރަނިންމޭޓަކީ ދީނީ އިލްމުވެރިއެއް. އެހެންކަމުން މިދެބައި އެއްވުމުން ތަރައްގީއާއި ދީނީކަންކަން ވަރަށް ފުރިހަމަ ވެގެން ދާނެ. އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތްތާގައި ފެނިގެންދާނީ ވަރުގަދަ ގުޅުމެއްގެ ތެރެއިން ރާއްޖެ ތަރައްގީ ވެގެންދާތަން" ޖަމީލް ވިދާޅުވިއެވެ.