ދިވެހި ރައްޔިތުންތިބީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ރައީސްކަމަށް އިންތިޚާބުވާން ފުރުޞަތުދޭގޮތަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ޑރ މައުސޫމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއްދޭން ރައްޔިތުން ބޭނުން ނުވަނީ އޮންނަ އުސޫލުތަކުން ބޭރުން ކަންކަން އަބަދުވެސް ނިންމަވަމުން ގެންދާތީ ކަމަށެވެ.
ޑރ މައުސޫމް ވަނީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ދީނީއިލްމްވެރިޔާ ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ނެންގުމާއެކު ރާއްޖޭގެ ބަޔެއް އިލްމްވެރިން ޑރ ޝަހީމަށް ތާއީދު ކުރުމަށް ނިންމި ނިންމުމަށްވެސް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައެވެ. މައުސޫމް ވިދާޅުވީ ރާއްޖޭގައި ވަރަށް ރަނގަޅު، ޚުލްގުހެޔޮ އިލްމްވެރިން އެބަތިއްބެވި ކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި އިލްމްވެރިންގެ ތެރެއިން 99 ޕަސެންޓް އިލްމްވެރިންނަކީ ރަނގަޅު މީހުން ކަމަށްވެސް ޑރ މައުސޫމް ވިދާޅުވިއެވެ.
ނަމަވެސް ޑރ ޝަހީމް ރަނިންމޭޓަކަށް ލައްވައިގެން ސިޔާސީ ކަންކަމުގައި ދީނީ ކާޑުންކުޅެ، ދީނުގެ ނަމުގައި ނާޖާއިޒް ފައިދާ ބަޔެއް ފަރާތްތަކުން ނަގަން ފެށުމުން ހިތާމަވެރި ކަންތައްތަކެއްވެސް ކުރިމަތިވަމުން އަންނަ ކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ.
"ދީނީގޮތުން ނާޖާއިޒް ފައިދާ ނަގަން ފެށުމުން މިވާގޮތަކީ އިލްމްވެރިންނާ ދިމާލަށް ނުހައްގު ބަސް ބަޔެއް ފަރާތްތަކުން ބުނަންޖެހޭތަން އެބައާދޭ" ޑރ މައުސޫމް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފޯރިގަދަމުން އަންނައިރު ޑރ މައުސޫމަކީވެސް އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓު ކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅެކެވެ. ނަމަވެސް އެކަމާބެހޭ ގޮތުން މައުސޫމް އަދި ވަކިއެއްޗެއް ވިދާޅުނުވެއެވެ.