ރިޔާސީ ދެވަނަ ދައުރަކަށް ހޮއްވަވައި ދެއްވައިފި ކަމަށްވާނަމަ ދަރުމަވަންތަ ހޮސްޕިޓަލާ އެއްފެންވަރެއްގެ ޚިދުމަތް ލިބޭ ނޭޝަނަލް ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
އެއީ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްގީ ކުރައްވާނެ ހޮސްޕިޓަލެއް ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ. މިފަދަ ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މ.މުލަކު ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެ ހޮސްޕިޓަލް ވެގެންދާނީ އެމަނިކުފާނުގެ ފަރާތްޕުޅުން އަންހެނުންނާއި، ކުޑަކުދިންނަށް ދެއްވާ ހަދިޔާއަކަށް ކަމަށެވެ. ރައީސް ވިދާޅުވީ އެ ހޮސްޕިޓަލް ޚާއްސަވެގެންދާނީ ދަރިމައިވުމުގެ ސިއްހަތާއި އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ އެކިކަން ކަމަށް ކަމަށެވެ. އޭގެ އިތުރަށް ވެސް އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކަށް ވެސް އެހޮސްޕިޓަލުން ފަރުވާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަވަށްޓެރި ގައުމުތަކަށް ބޭސްފަރުވާއަށް ދާދިއުން އެ ހޮސްޕިޓަލުގެ ސަބަބުން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ގައިނީ ޑޮކްޓަރުން ތިއްބާވާނެ ކަމަށެވެ. އަދި އެފަދަ ޑޮކްޓަރުންނެތް ރަށްރަށަށް ވެސް ޑޮކްޓަރުން ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.