ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީ މަލުގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ، މަޝްހޫރު ޝާއިރާ، އަލްފާޟިލާ އާމިނަތު ފައިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1343 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ. މީލާދީ ގޮތުން ބަލާއިރު އެއީ 1924 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
އެކަމަނާގެ ބައްޕާފުޅަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެމަންމާފުޅަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ގ.ބޮޑު ފެންވަޅު ގޭގައެވެ.
ފާއިޒާ ޅެންހެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވަނީ ޢުމުރުފުޅުން އެންމެ20 އަހަރުގައެވެ.
ފާއިޒާގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާއިރު އެކަމަނާއަކީ މަދަރުސަތުއްސަނިއްޔާގެ ދައުރުގެ ދެވަނަ ފޯމުން ނިމިވަޑައިގެންފައިވާ ބޭފުޅެކެވެ. އެއީ އޭރުގެ އެންމަތީ ފެންވަރުގެ ފޯމެވެ. އިޝްޤީ ޅެންހެއްދުމުގެ ރޮނގުން ފާހަގަކޮށްލެވޭ ފައިޒާ އެންމެ ގިނަ ޅެން ހެއްދެވީ ވެސް އެރޮނގުންނެވެ. އެކަމަނާގެ ފުރަތަމަ މުދައްރިސުންގެ ތެރޭގައި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ނުވަތަ ފާއިޒާ ވިދާޅުވާގޮތުންނަމަ އެކަމަނާގެ "ތިއްތިބޭ" ހިމެނިވަޑައިގަންނަވައެވެ. ސީދީ އަކީ ފާއިޒާގެ މަންމަ ފަރާތްޕުޅުގެ ބޮޑުބޭބޭފުޅެވެ.
ފާއިޒާ ޤައުމީ ޚިދުމަތް ފައްޓަވައިފައި ވަނީ މަދަރުސަތުއްސަނިއްޔާގެ މުދައްރިސާއެއްގެ ގޮތުންނެވެ. އެއީ 1940 ގެ އަހަރުތަކުގައެވެ. ދިވެހި ޅެންވެރިކަމުގެ އުދަރެހުން ފާއިޒާގެ ނަންފުޅު ފާހަގަ ކުރެވެން ފެށީ މި ދެންނެވި ދުވަސްވަރުއެވެ. އެއީ ދިވެހި ޅެންވެރިކަމުގެ ގުލްޒާރު އުފެދިގެން އައި ދުވަސްވަރެވެ. އެ ދުވަސްފަރު ފާއިޒާއަށް ޚާއްސަވެގެންދިޔަ ނަންފުޅަކީ ދިވެހި ޅެންވެރިމކަމުގެ ބަގީޗާގެ " ޑޭޒީމާ" މިނަމެވެ.
ފައިޒާ އަދާކުރެއްވި ބައެއް ވަޒީފާ ތަކުގެތެރޭގައި، މަދަރުސަތުއް ސަނިއްޔާގެ ނާޒިރާގެ ނާއިބާކަން، މަދަރުސަތުއްސަނިއްޔާގެ މުދައްރިސާކަން، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން އަދި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ މަޖުލީހުގެ އެހީތެރިޔާކަން ހިމެނެއެވެ.
ފާއިޒާ ޒަވާޖީ ޙަޔާތް ފެއްޓެވުމުންވެސް ކުރައްވަމުން ގެންދެވި އަދަބީ މަސައްކަތްތަކަށް ހުއްޓުމެއް ނާދެއެވެ. ޅެންވެރިކަމުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމުގައި ދެމިހުންނެވިއެވެ. އޭގެފަހުން 1981 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިއެއްގެ ގޮތުން، ފާއިޒާ ދެވަނަފަހަރަށް ސަރުކާރުގެ ވަޒީފާއަށް ނުކުންނެވިއެވެ.
ފާއިޒާ ދިވެހި އަދަބަށް ކުރައްވަމުން ގެންދެވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ ޢާއްމު ޚިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމާއި، ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމް ފާއިޒާއަށް ދެއްވާފައެވެ.
އޭގެފަހުންވެސް ފާއިޒާ ފާހަގަވެގެންދިޔައީ ޅެންވެރިކަމުގެ ރޮނގުން ޙަރަކާތްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އެކަމަނާގެ ޅެންވެރިކަމަށް ބަލާއިރު ތަފާތު އެތައް ރޮނަގަކުން ބަލާޣާތްތެރި، އަދަބީ ގޮތުން ފޭރާންހެޔޮ ޅެންތަކެއް ހައްދަވައިފައިވެއެވެ. ދީނީ ޅެން، ޤައުމީ ޅެން، ޒާހިދާނާ ޅެން، ފަލްސަފާނާ ޅެން، އިޖްތިމާޢީ ޅެން، އަދަބީ ޅެން، އިޝްޤީ ޅެން، ހިތާމަވެރި ޅެން، ޢިބްރަތުގެ ޅެން، ނަޞޭޙަތުގެ ޅެން، ދަތުރުނާމާ ޅެމުގެ އިތުރުން މިފަދަ އެތައް ދާއިރާތަކަކުން ރީތި އެތައް ލަވަތަކެއް ވެސް ފާއިޒާ ވަނީ ހައްދަވައިފައެވެ. ފަހުގެ ތާރީޚުގައި ސަރުކާރުން ފާހަގކުރައްވައިފައިވާ ތަފާތު މުނާސަބަތް ތަކާއި، ޤައުމީ ކެމްޕެއިންތަކާ ގުޅޭގޮތުންވެސް ފާއިޒާ ވަނީ ޖޯޝުން ފުރިގެންވާ ލަވަތަކެއް ހައްދަވައިދެއްވައިފައެވެ. މީގެއިތުރުން ފަހުގެ ބައެއް ދިވެހި ފިލްމުތަކަށް ވެސް މިހާރުގެ ފިލްމުތަކުން މަދުންނޫނީ ނުފެންނާނެ ފަދަ ރީތި މޮޅު ލަވަތަކެއް ފާއިޒާ ވަނީ ހައްދަވައިދެއްވައިފައެވެ.
ފާއިޒާގެ ޅެންވެރިކަމާ ބެހޭގޮތުން މަޝްހޫރު އަދީބު، އަދި ދިވެހި ޅެންވެރިކަމުގެ ބަގީޗާ އުފެއްދެވި، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިއުއްވާފައި ވެއެވެ. " ފާއިޒާއަކީ އަދުގެ ދިވެހި ޅެންވެރީންގެ ތެރޭގައި އަރައި ހުންނެވި ޝާޢިރާ އެކެވެ. ޅެންވެރިކަމެއްގެ ކޮންމެ ދަނޑެއްގައިމެ އެންމެ ކުރީސަފުގައި ފައިހަމަކޮށް ހިންގެވޭނޭ ޅެންވެރިއެކެވެ. "
ފާއިޒާގެ ޅެންވެރިކަމާ ބެހޭގޮތުން މަޝްހޫރު އަދީބު އިބްރާހީމް ޝިހާބު ވިދާޅުވެފައި ވެއެވެ. "އަޅުގަނޑުމެންގެ މި އަދީބާ އަކީ އޭނާ ބޭނުންފުޅު މަޢުޟޫޢެއްގައި ހިފެހެއްޓުމެއްނެތި ޚިޔާލު އޮއްސަވަމުން ގެންދަވާ އަދީބާއެކެވެ. ޚިޔާލީ މަޢުޟޫޢު ތަކެކޭ އެއްފަދައިން ހަޤީޤީ ބަޔާންތައް ދެއްވުމުގައިވެސް ފެންނަމުންދަނީ އޭނާގެ ޝާޢިރިއްޔަތުގެ ރޫޙު، ކޮންމެ ޢިބާރާތަކުން ކޮންމެ ޖުމުލައަކުން އޮހޭ ތަނެވެ. މަތިވެރި ޝުޢޫރުތައް ވިރުވެމުންދާ ތަނެވެ."
ފާއިޒާ އެނެމެ ފުރަތަމަ ހެއްދެވި ޅެމަކީ " އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރެއް" މި މައިގަނުޑު ނަމުގެ ދަށުން ހެއްދެވި ޅެމެކެވެ. އެޅެމުގެ ތެދިން ބައިތެއް މިތަނުގައި ލިޔެލާނަމެވެ.
ނޫރުކެނޑި ހިތުގެ މިދާ ބާރެއް މުޅީން ފިލުވާނަމޭ،
ރޫޙަށް އުނިކަން މިދޭ ބާރެއް މުޅީން ފިލުވާނަމޭ،
ހިތުގެ މޮޅިޔާ ހިތުގެ ގިންޏާ ހިތުގެ ބައްޔާ ހިތުގެ ހޫނު،
އިތުރުވާތީ ބާރުލައި ގަދަ ޔާރުނޭ ފިލުވާނަމޭ،
ޢިއްޒަތާ އަބުރާ ޤަދަރު އުފުލޭގޮތުން އެއްހިތްވެގެން
ވިސްނުމާއެކު ރޫޙަށް އާބާރުތައް ގެނުވާނަމޭ.
ފާއިޒާގެ ޅެންތައް، ފޮތެއްގެ ސިފައިގައި އެންމެ ފުރަތަމަ ޝާއިޢު ކުރެވުނީ މީލަދީން 1949 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެންނެވި ފޮތުގެ ނަމަކީ "ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ - ފާއިޒާ " މިއެވެ. އޭގެ 39 އަހަރުފަހުން "ޑޭޒީމާ 2" މިނަމުގައި 1988 ގައި ފާއިޒާ އަމިއްލަފުޅަށް އޭނަގެ ޅެން ފޮތެއް ނެރުއްވިއެވެ. އޭގެފަހުން "ޑޭޒީމާ" މިނަމުގައި ދިވެހިބަހާ ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވެސް ފާއިޒާގެ ޅެންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ނެރުއްވައިފައި ވެއެވެ. މި ދެންނެވި ފޮތް ނެރުއްވީ މީލާދީން 2003 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ހިޖުރީގޮތުން 1424 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހެވެ. މި ދުވަހަކީ ހިޖުރީގޮތުން ފާއިޒާގެ 81 ވަނަ އުފަންދުވަސް ވެސް މެއެވެ.
މި އަގުހުރި ޚިދުމަތްތެރިޔާ، މިފަނާވަނިވި ދުނެޔެއަށް ޢަލްވަދާޢު ވިދާޅުވީ، މީލާދީން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވީ ހުކުރުދުވަހު ހެނދުނު 06:05 ގައެވެ. އެއީ ހިޖުރީގޮތުން 1432 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހު 21 ވަނަ ދުވަހެވެ. މީދާދީ ގޮތުން ބަލާއިރު އަވަހާރަވީއިރު ޢުމުރުފުޅަކީ 87 އަހަރެވެ. ހިޖުރީ ގޮތުން ބަލާއިރު 89 އަހަރެވެ. ފާއިޒާ އަވަހާރަވީ ސްޓްރޯކެއް ޖެހި ޙާލުކޮޅު ސީރިއަސް ވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުންއޮތީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ފައިޒާއަށް ލިބިވަޑައިގެންފައި ވަނީ ތިން ބޭފުޅުންނެވެ. އެއީ މުޙައްމަދު ޙިލްމީ އާއި އަޙުމަދު ޢައްބާސާއި އާމިނަތު ޢައްބާސެވެ.
ދިވެހި ޅެންވެރިކަމަށް، ދިވެހި އަދަބަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޝާޢިރާ، ޑޭޒީމާ މޯޅިވެ، ވެއްޓުނެއްކަމަކު އެމަލުގެ ވަހަކަށް އެވަހުގެ އަސަރަކަށް ބަދަލެއް ނާންނާނެ ނިންވަރަށް އޭގެ އަސަރު ދިވެހި ޅެންވެރިކަމުގެ ބަގީޗާގައިވަނީ ފެތުރިފައެވެ.