
'އެވެންފީލްޑް ރެފަރެންސް' މައްސަލައިގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަަވާޒު ޝަރީފު 10 އަހަރަށް ޖަލަށް ލުމަށާއި، 8 މިލިއަން ޕައުންޑުން ޖުރުމާނާ ކުރުމަށް އެ ގައުމުގެ އެކައުންޓެބިލިޓީ ކޯޓުން ހުކުމްކޮށްފައެވެ. މީގެ އިތުރަށް އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒު 7 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ޕައުންޑުން ޖުރުމާނާ ކުރުމަށް އަދި ލިޔެކިއުންތައް އޮޅުވާލި މައްސަލައިގައި މަރްޔަށް އެއް އަހަރަށް ޖަަލަށް ލުމަށް ވެސް އެ ކޯޓުން ހުކުމްކޮށްފައި ވެއެވެ. އަދި މަރްޔަމް ނަވާޒުގެ ފިރިކަލުން ކެޕްޓަން (ރިޓަޔާޑް) މުޙައްމަދު ސަފްދަރު އެއް އަހަރަށް ޖަލަށްލުމަށާއި، މަރްޔަމް އާއި ސަފްދަރު އިންތިޚާބުކުރެވޭ އެއްވެސް މަޤާމަކަށް 10 އަަހރު ވަންދެން ކުރިމަތިނުލެވޭނެގޮތަށް ހެދުމަށްވެސް ހުކުމުގައި ވެއެވެ.
އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ބަޝީރު ހުކުމް އިއްވެވުމުގެ ކުރިން އެ ކޯޓުން ވަނީ އެ މައްސަލާގައި ޕާކިސްތާނު އިސް ލޯޔަރުން މަޝްވަރާވެސް ކޮށްފައެވެ.
'އެވެންފީލްޑް ރެފަރެންސް' މައްސަަލައަކީ މަޝްހޫރު ޕެނެމާ ޕޭޕާސް ގެ މައްސަލައިގައި ޕާކިސްތާނުގެ ސުުޕްރީކޯޓުން ހަވާލާދީ ތަހުގީިގުކުރުމަށް އަންގާފައިވާ މައްސަލައެކެވެ. އެއީ ލަންޑަނުގެ ޕާކްލޭންގައި ހުންނަ އެވެންފީލްޑް ހައުސްގެ އެޕާޓްމަންޓުތަކެއް ނަވާޒު ޝަރީފުގެ އާއިލާއިން ޣައިރު ގާނޫނީގޮތުުން ބައްލަވައިގަތް މައްސަލައެވެ. އެ މައްސަލައިގައި ނަވާޒު ޝަރީފާއި އެޭނާގެ ދެ ދަރިކަލުންނާއި، ދަރިކަނބަލުންނާއި، ދަނބިދަރިކަލުންގެ މައްޗަށް ވަނީ ތަހުގީގު ހިންގާފައެވެ.
އެވަންފީލްޑް މައްސަލައިގައި ނަވާޒު ޝަރީފާއި އެނާގެ ދަރިކަނބަލުންނާ 100 ވަރަކަށް ފަހަރު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ސުވާލުކޮށްފައިވާ ކަމަށް ވެއެވެ. މި މައްސަލައިގެ އަޑުއެހުމަށް ނަވާޒު ޝަރީފުގެ ދެ ދަރިކަލުން ހަސަން ނަވާޒާއި ހުސައިން ނަވާޒު ހާޒިރުވެވަޑައިގެންފައި ނުވާތީ އެ ދެބޭފުުޅުންނަކީ ކޯޓަށް ފިއްލަވައިގެން އުޅުއްވާ ދެބޭފުޅުން ކަމުގައި ކޯޓުން ވަނީ ނިންމާފައެވެ.