ވޯލްޑްކަޕްގައި މިހާރު އެންމެ ހިނގާ މީހަކީ ބްރެޒީލްގެ ރީތި ގޯލްކީޕަރު

ވޯލްޑްކަޕް 2018 ގައި ހޯމަ ދުވަހު ބްރެޒީލް ކުޅުނީ މެކްސިކޯއާއެވެ. މި މެޗުގައި ގިނަ ބެލުންތެރިންގެ ލޯ އަމާޒު ވެފައި ހުރީ ބްރެޒީލްގެ ގޯލްކީޕަރަށެވެ. މެޗަކަށް ނޫނެވެ.

މީސްމީޑިއާގައި މި ވަގުތު އެންމެ ހިނގާ ނަމަކީ އުމުރުން އެންމެ 25 އަހަރުވީ އެލިސަން ބެކަރއެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭނާއަކީ އޮސްޓްރޭލިއާގެ ހެމްސްވޯތު އާއިލާގެ މީހެކެވެ. ކްރިސް ހެމްސްވޯތުގެ ކޮއްކޮއެކެވެ. އޭނާ މިހެން ބުނެފައި ވަނީ ދެ މީހުން ވައްތަރު ކަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެލިސަން އަކީ ހެމްސްވޯތު އާއިލާގެ ހަތަރުވަނަ މީހާއެވެ. އެހެން މީހަކު ބުނެފައިވާ ގޮތުގައި މެކްސިކޯއަށް ލަނޑެއް ނުޖެހުނީ ބްރެޒީލްގެ ގޯލްކީޕަރަކަށް "ތޯރ" ހުރީމައެވެ.

މެކްސިކޯގެ ބައެއް ސަޕޯޓަރުންވެސް ވަނީ ބެކަރ ގެ ރީތިކަމުގެ ވާހަކަ ދައްކާފައެވެ. އެކަކު ލިޔެފައި ވެއެވެ. "އަހަރެން ބޭނުންވީ މެކްސިކޯއަށް ސަޕޯޓު ކުރާށެވެ. އެކަމަކު ކަލޭމެން ބްރެޒީލްގެ ކޯލްކީޕަރު ދުށިން ހެއްޔެވެ؟ ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟"

ބްރެޒީލާއި މެކްސިކޯ ކުޅުނު މެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ބްރެޒީލެވެ. މެޗުގައި އެލިސަން ގެ ކުޅަދާނަކަން ފެނިގެން ދިޔައެވެ. އެކަމަކު މީހުން (ޚާއްސަކޮށް އަންހެން ކުދިން) ފާހަގަ ކުރީ އޭނާގެ މޮޅުކަމެއް ނޫނެވެ. މެކްސިކޯގެ ހަމަލާތައް އޭނާ ދިފާއުކުރި ހުނަރުވެރިކަމެއް ނޫނެވެ. އޭނާގެ ރީތި ކަމެވެ. އިސްކޮޅެވެ. ހަށިގަނޑެވެ.

ދެން އޮތީ ސަޕޯޓަރުންނަށް ދެރަ ޚަބަރެކެވެ. އެލިސަން އުޅެނީ މީހަކާ އިނދެގެންނެވެ. ނަތާލިއާ އާއި އެލިސަން އަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. ދަރިފުޅުގެ ނަމަކީ ހެލެނިންހާއެވެ. ދަރިފުޅު އުފަންވީ މިދިޔަ އަހަރުއެވެ.

އެލިސަން މިހާރު ކުޅެނީ އިޓަލީގެ ސެރި އާ ގެ ޓީމެއް ކަމަށްވާ އޭއެސް ރޯމާއަށެވެ. އެކަމަކު މިހާރު ޚަބަރު ލިބޭ ގޮތުގައި އޭނާ ގެންދަނީ އިނގިރޭސި ޓީމެއް ކަމަށްވާ ޗެލްސީއަށް ނުވަތަ ސްޕެއިންގެ ރެއާލް މެޑްރިޑަށް ދާން ވާހަކަ ދައްކަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.