
ތޭވީސް މިލިޔަން ރުފިޔާ ޚާރަދުކޮށްގެން އދ. މާމިގިލީގައި އެމްއެންޑީއެފް މަރުކަޒެއް ގާއިމްކުރުމަށް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.
ފަނަރަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމުމަށް ހަވާލުކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުމުގައި ސޮއިކުރުމަށް މިއަދު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރުއެވެ. އަދި އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްލަތީފުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްފައިވަނީ، އދ.މާމިގިނލީގައި ފަޔަރ ސްޓޭޝަން އިމާރާތަކާއި، ދެ ބުރީގެ އެޑްމިނިސްޓްރޭޝަން އިމާރާތެއްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކެއްގެ އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި އިމާރާތަކީ، އެތަނުގައި އެކަށީގެންވާ ގޮތެއްގައި ސިފައިން ތިބެގެން ފަޔަރ އެންޑް ރެސްކިޔުގެ އޮޕަރޭޝަންތަކަށް ބޭނުންވާނެ ވަސީލަތްތަކާއެކީ މަސައްކަތްކުރެވޭނެ އިމާރާތެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން މުޅި އެސަރަޙައްދުގައި ދިރިއުޅޭ ހުރިހާ އެންމެންނަށާއި، ޚާއްޞަކޮށް މާމިގިލީގައި އޮންނަ އެއަރޕޯޓާއި ރިސޯޓްތަކަށްވެސް މިކަމުގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.