އެމްޑީޕީން ނެރޭ ކެންޑިޑޭޓާއި ރަނިންމޭޓަށް އެހެން ޕާޓީތަކުން ތާއީދު ކޮށްދިނުމަށް އެދިވަޑައިގެންފި

 

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުގެ ބައިވެރިންގެ ކިބައިން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހިއްޕަވައިގެން މިވަގުތު ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ތޭރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންތިޚާބުން ބަލި ކުރުމަށް އޮތް އެންމެމޮޅު ގޮތަކީ އިދިކޮޅު އިއްތިހާދުން އެއްކެންޑިޑޭޓް ނެރުން ކަމަށާއި ނަމަވެސް އެކަމުގައި އެމްޑީޕީން ދޫދޭންވީ ކިހާވަރަކަށްތޯ އެއީ ސުވާލެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްނެރެ ތާއީދު ކޮށްދިނުމަށް ކުރިންވެސް އެދިފައިވާނެ ކަމަށާއި އެމްޑީޕީގެ ގިނަ އާންމު މެމްބަރުންވެސް ބޭނުން ވަނީ އެގޮތް ކަމަށެވެ. ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވެއްޖެނަމަ އިދިކޮޅު އިއްތިހާދުގެ ހުރިހާ ބައިވެރިން ވަޒީރުންގެ މަޖިލީހުގައިވެސް ބައިވެރި ކުރައްވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީން ދަތުރު ކުރާނީ އިއްތިހާދުގެ ޕާޓީތަކާއެކު އެމަގުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން ވަކިން އިންތިޚާބަށް ނުކުންނާނެ ކަމުގެ ސިގްނަލް ނަޝީދު ދެއްވިއިރު އިދިކޮޅު އިއްތިހާދުން އެއްކެންޑިޑޭޓް ނެރުމަށް ކުރިން އޮތީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް ޖޭޕީ އާއި އެމްޑީޕީގެ ޚިޔާލު ތަފާތުވުންތަކާއިހުރެ އެއްކެންޑިޑޭޓް ނެރުމުގައި އޮތީ ހުރަސްތައް ކުރިމަތި ވެފައެވެ.

އެމްޑީޕީން ރިޔާސީ ޓިކެޓު ނަޝީދަށް އަރުވާފައި ވިޔަސް 13 ތޭރަ އަހަރުގެ ޖަލު ޙުކުމެއް އެމަނިކުފާނުގެ މައްޗަށް އޮތުމާއި އިންތިޚާބާބެހޭ ޤާނޫނަށް އަލަށް ގެންނަ އިސްލާހު ތަކުން ރިޔާސީ ރޭހުގައި ރައީސް ނަޝީދަށް ވާދަކުރުމުގެ ހުރިހާ ދޮރެއް އަދި އޮތީ ބަންދު ވެފައެވެ. އެހެންވެ އެމްޑީޕީއަށް ޖެހިފައި ވަނީ އިންތިޚާބަށް ވަކިން އެޕާޓީން ނުކުންނަމަ އެޕާޓީން ނަޝީދު ނޫން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓު ދޭށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.