ސުއޫދު ވިދާޅުވަނީ އެމްއެންޑީއެފް އުވާލާނެ ކަމަށް، ޖޭޕީން ބުނަނީ ސިފައިން އިތުރުކޮށް ވަރުގަދަ ކުރާނެކަމަށް

"އަހަރެމެން އެދޭ ވެރިކަމެއް" އަތުވެއްޖެނަމަ އެމްއެންޑީއެފް އުވާލައްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޙުސްނުއްސުއޫދު ވިދާޅުވިއިރު ޖުމްހޫރީ ޕާޓީން ބުނަނީ ޖޭޕީގެ ވެރިކަމެއް އައިސްފިނަމަ އެމްއެންޑީއެފަށް ސިފައިން މިހާރަށްވުރެ އިތުރުކޮށް އެ މުއައްސަސާ ވަރުގަދަ ކުރާނެ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އަހަރެމެންއެދޭ ވެރިކަމެއްގައި" މިހާރު އޮތް އެމްއެންޑީއެފް އުވާލުމަށް ފަހު ބަދަލުގައި ބައިތިއްބާނީ ކޯސްޓާގާޑައި މެރިން ޕޮލިސް އެކަނި ކަމަށެވެ. އެގޮތަށް ހަދަން ޖެހެނީ ދައުލަތުގެ ފައިސާއިން ދުވާލަކު 7 މިލިއަން ރުފިޔާ ދުވާލަކު މިހާރު ޚަރަދު ކުރަމުން ދާތީ އެފައިސާ ސަލާމަތް ކުރުމަށް ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެއެވެ. އަދި އެމްއެންޑީއެފް އުވާލުމަށް ފަހު ދައުލަތުން ސަލާމަތްކުރެވޭ 7 މިލިއަން ރުފިޔާ ޚަރަދު ކުރާނީ އަތޮޅު ތަކުގެ ހޮސްޕިޓަލުތައް ތަރައްގީ ކުރަން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ނަމަވެސް ސުއޫދުގެ މި ވާހަކަތަކާއި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޚިޔާލު މުޅިން ތަފާތެވެ. ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ބާނީ ގާސިމް އިބްރާހިމްގެ ވިސްނުންފުޅު ހުރީ ޖޭޕީގެ ވެރިކަމެއް އަތުވެއްޖެނަމަ ސިފައިންގެ އަދަދު އިތުރު ކުރުމުގެ އިތުރަށް ފުލުހުންގެ އަދަދުވެސް އިތުރު ކުރައްވަން ކަމަށެވެ. އަދި އެ ދެ މުއައްސަސާވެސް މިހާރަށްވުރެ ވަރުގަދަކޮށް، ޕޮލިހާއި، ކަރެކްޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެއްދެވުން ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އިސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުންނަށް ވިޔަސް އެބޭފުޅުން މަގާމުން ވަކިކުރެވޭނެ އުސޫލުތައް ހަރުދަނާކޮށް، ފުލުހުންނާއި، ސިފައިންގެ ވަޒީފާ ގެއްލި ގޮޅިއަށް ލުމުގެ ބިރު ފިލުވާލުން ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ބާނީ ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންނާއި ސިފައިންގެ ޚިދުމަތް ފުޅާކުރަންޖެހޭ ސަބަބަކީ ގައުމަށް މިއަދު ދިމާވެފައިވާ ނާންމާންކަމުން ގައުމު ސަލާމަތްކޮށް، އެއާޕޯޓްތަކާއި، ބަދަރުތަކާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމެވެ. މީގެއިތުރުން ރާއްޖެ މިއޮތް ސަރަޙައްދުގެ ހަލަބޮލިކަމަށް ވިސްނާފައިވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި ސިފައިންނާއި ފުލުހުންގެ މުއައްސަސާ ވަރުގަދަ ކުރަންޖެހޭ ކަމަށް ގާސިމް ދެކެވަޑައިގަންނަވާ ކަމަށްވެސް އަލީ ސޯލިޙް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.