
ފަސް އަހަރުގެ ތުއްތު ފިރިހެން ކުއްޖަކަށް އަނިޔާ ކުރަމުންދިޔަ މަންމަ ފުލުހުން ހައްޔަރު ކޮށްފިއެވެ.
މާލޭގައި ދިރިއުޅޭ އަންހެން މީހާ އޭނާގެ ދަރިފުޅަށް އަނިޔާ ކުރަމުން ދަނިކޮށް އެކަން ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އަވައްޓެރިއަކަށް އެކަން އެނގިގެންނެވެ. ފުލުހުން އެގަޔަށް ދިޔައިރުވެސް އެ އަންހެން މީހާ ދިޔައީ އެކުއްޖާއަށް އަނިޔާ ކުރަމުން ކަމަށްވެއެވެ.
ފުލުހުން އެ ގެޔަށް ދިޔައިރު ކުއްޖާގެ މަންމަ ތަޅައި އަނިޔާ ކުރުމުގެ ސަބަބުން އެކުއްޖާގެ ބުރަކައްޓާއި މޫނަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އެހެންވެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރުވެސް ކުއްޖާގެ ޙާލު ސީރިއަސްއެވެ. އަވައްޓެރިން މައުލޫމާތު ދޭގޮތުގައި މީގެކުރިންވެސް އެމީހާ އެ ކުއްޖާއަށް ދިޔައީ އަނިޔާ ކުރަމުންނެވެ. ޖެންޑާރ މިނިސްޓްރީން މިހާރު ވަނީ އެކުއްޖާ ނަގައި، އެހެން މީހެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާގެ މަންމަ ދިރިއުޅެނީ ކުއްޖާގެ ބައްޕައާ ވަކިންނެވެ. އެކުއްޖާގެ ބައްޕަ އުޅޭކަމަށް ވަނީ އަތޮޅުތެރޭ ރަށެއްގައެވެ.