ދިފާއަށް ކުޅެ އީރާން ސްޕެއިން އަތުން ބަލިވެއްޖެ

ވޯލްޑްކަޕް 2018 ގައި ބުދަ ދުވަހުގެރޭ ކުޅުނު ފަހު މެޗުން ސްޕެއިން މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ. މިއީ އާދަޔާ ޚިލާފު މެޗެކެވެ. މެޗުގައި ބައްދަލު ކުރީ އީރާނާއި ސްޕެއިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އީރާނުން ދިފާޢު ކުރުމުގައެވެ. ފަހަތުގައި ހަ ކުޅުންތެރިން އެތުރިގެން އަބަދު ކަހަލަ ގޮތަކަށް ތިއްބެވެ. ސްޕެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހޭއިރު އޭނާގެ ކައިރީގައި އުނދަގޫ ކުރަން އީރާނުގެ ކުޅުންތެރިއަކު ހުރެއެވެ. ކުރިއަށް އަރައި ލަނޑެއް ޖެހޭތޯ ބަލާކަށް އީރާނުން ހަމަ އެއް ގޮތަކަށްވެސް މަސައްކަތެއް ނުކުރެއެވެ.

މޮޅު ކުޅުންތެރިންނާއެކު ސްޕެއިނަކަށް އީރާނުގެ ދީފާޢީ ފާރު ފޫ އަޅުވައިލެވޭ ގޮތެއް ނުވިއެވެ. ނުރައްކާތެރި ކަމަށް ބެލެވޭ ހަމަލާއެއް ގޯލަށް އަމާޒު ކުރެވިފައެއް ނެތެވެ. ފުރަތަމަ ހާފުގައި ބޯޅަ މުޅިންވެސް އޮތީ އީރާނުގެ ހާފު ތެރޭގައެވެ. ސްޕެއިން ހާފުގެ ވިނަގަނޑު ތާޒާކޮށް ހުރީއެވެ. މިއީ ސްޕެއިން ކަހަލަ މޮޅު ޓީމަކާއެކު މިކަހަލަ މެޗެއް ކުޅެވެން އޮތް ގޮތް ކަމަށްވެސް ވެދާނެއެވެ. ފުެަރަމަ ހާފަށް ބަލާއިރު އީރާނަށް ސާބަސް ދޭން ޖެހެއެވެ. ވަރުގަދަ ޓީމެއް 45 މިނިޓު ވާންދެން ހިފަހައްޓައިލީތީއެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 49 ވަނަ މިނިޓުގައި ސްޕެއިންއަށް ފުރުސަތެއް ލިބުނެވެ. އެކަމަކު ގޯލްކީޕަރުގެ ހުސިޔާރުކަމުން ދިފާޢު ކުރީއެވެ.

54 ވަނަ މިނިޓުގައި ސްޕެއިން ލަނޑެއް ޖެހީ އީރާނުގެ ދިފާޢީ ކުޅުންތެރިއެއްގެ އެހީތެރިކަމާއެކީގައެވެ. އީރާނުގެ ކުޅުންތެރިޔާ ޖެހި ބޯޅަ ސްޕެއިންގެ ޑިއޭގޯ ކޮސްޓާގެ ފައިގައި ޖެހިފައި ގޮސް ގޯލަށް ވަނީއެވެ. ބޯޅައަށް ވީ ގޮތެއް އޭނާއަށް އެނގުނީވެސް މާ ފަހުންނެވެ.

އީރާނުގެ ލަނޑު ޖެހީ 62 ވަނަ މިނިޓުގައެވެ. އެހެންނަމަވެސް ވީއޭއާރް އަށް ފަހު ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. ލަނޑު ޖެހި އީރާނުގެ ކުޅުންތެރިޔާ ހުރީ އޮފްސައިޑުގައެވެ.

1 ލަނޑު 0 ލަނޑުން ކުރީގައި އޮތް ނަމަވެސް ފަހު ހާފުގައި ސްޕެއިން އަކަށް ހަމަޖެހިގެން ކުޅެވުނު ކަމަކަށް ނުފެނެއެވެ. އީރާނުން ޙަމަލާވެސް ދޭން ފެއްޓިއެވެ. ދިފާޢު ހަމަ ކުރިންވެސް އޮތް ގޮތަށް ބާއްވައިގެން ދިގު ބޯޅައިގެ އެހީގައި ކުރީގައި ދެ ކުޅުންތެރިން ބައިތޔިއްބައިގެން ހަމަލާ ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

81 ވަނަ މިނިޓުގައި އީރާނުގެ އަމީރީ ނެގި ހުރަހަކީ މި މެޗުގެ އެންމެ ރީތި ހުރަހެވެ. އޭނާގެ ނަގައިދިން ހުރަސް ތަރޭމީ ބޮލުން ޖެހިއެވެ. އެހެންނަމަވެސް ބޯޅަ ދިޔައީ ގޯލުގެ މަތީން ބޭރަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.