ޕާޓީތަކުން ގެންދަނީ ޝަކުވާ ހުށަހަޅަން ތައްޔާރުވަމުން: އީސީ

އީސީގެ މެންބަރު އަހުމަދު އަކުރަމް

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 10 ދުވަހުގެ މުއްދަތު މިރޭ 10:00 އަށް ހަމާވާނެއެވެ.

މުއްދަތު ހަމަވާއިރު މިހާތަނަށް ސިޔާސީ ޕާޓީތަކުން އެ ލިސްޓަށް އިސްލާހު ހުށަހަޅައިފައެއް ނުވެއެވެ. އެހެންނަމަވެސް ޕާޓީތަކުން ވަނީ މިއަދު ޝަކުވާ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވިއެވެ.

"ގައުމީ މަޝްވަރާ މަޖިލީހުގައި ޕާޓީތަކުން ވިދާޅުވެފައިވަނީ ޝަކުވާ ހުށަހެޅުމަށް އެބޭފުޅުން ތައްޔާރު ވަމުންދާ ވާހަކަ. އެހެންވީމާ މިއަދު ޝަކުވާތައް ލިބޭނެ ކަމަށް އުންމީދު މިކުރަނީ. ރޭ ނޫންކުރީރެއާ ހަމައަށް ޕާޓީއަކުންނެތް ޝަކުވާއެއް ހުށަހަޅާފައެއް،" އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝަކުވާ ހުށަޅަން ދީފައިވާ މުއްދަތު ހަމަވާއިރު އިތުރަށް ޝަކުވާއެއް ނުލިބޭ ކަމަށްވާނަމަ ޝަކުވާއެއްނެތް ކަމަށް ބައްލަވައި ފުރުސަތު ބަންދު ކުރައްވާނެ ކަމަށެވެ. މިހާތަނަށް އައިރު ވޯޓާސް ލިސްޓަށް ހުށަހަޅައިފައިވަނީ މަދު ޝަކުވާއެކެވެ. ދިހަ ދުވަސްތެރޭގައި ހުށަހެޅި ޝަކުވާގެ އަދަދަކީ ގާތްގަނޑަކަށް 34 އެވެ.

އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓް ފައިނަލް ކުރައްވާނީ ކޮމިޝަނުން ވެސް ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު މައްސަލައެއް ނެތްކަން ކަށަވަރު ކުރެއްވުމަށްފަހު ކަމަށެވެ. މިހާތަނަށް ބެލިބެލުމުން 18 އަހަރު ހަމަނުވާ ކުދިންގެ ނަންތައް ވެސް ވޯޓާސް ލިސްޓުގައި ހިމެނިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން މިހާރު ވާނީ ރަނގަޅު ކޮށްފައެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން ހުރިހާކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އިންތިޚާބަށް ތައްޔާރުވުމުގެ ހުރިހާކަމެއްވެސް އެ އުސޫލުން ކުރައްވަމުން ގޮސް މިހާރުވަނީ ބޮޑުބައެއް ނިމިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 23 ގައެވެ. އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ހުޅުވައިލާނީ ޖުލައި 15 ގައެވެ. އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނީ ރައީސް ޔާމީންގެ އިތުރަށް ރައީސް ނަޝީދާއި، އުމަރު ނަސީރާއި، ސުޖާއު ހުސައިނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.