ޢިލްމުވެރިން ވެސް ރައީސް ޔާމީނާއެކު ސާބިތުވެ ތިއްބަވާ: ޑރ. ޝަހީމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާއެކު ސާބިތުވެ ތިއްބެވުމަށް ރާއްޖޭގެ އިލްމުވެރިންގެ އަރިހުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދި ވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ގއ. ގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އުފަން ރަށް މާމެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބާއްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ރާއްޖޭގެ އިލްމުވެރިންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ ވަރަށް ހިތްވަރާއި އަޒުމާއެކު މިވަގުތު ރައީސުލްޖުމްހޫރިއްޔާއާއެކު ސާބިތުވެ ތިއްބެވުމަށް،" ޝަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަކީ ދުވަހަކުވެސް އިސްލާމްދީނަށް ދެރަގޮތެއް ވިޔަދެއްވާނެ ބޭފުޅެއް ނޫންކަމަށެވެ. އެމަނިކުފާނުގެ އާއިލާއަކީ މާޒީގައިވެސް އިސްލާމްދީނަށް ޚިދުމަތް ކޮށްދެއްވައިފައިވާ އާއިލާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފި ކަމަށްވާނަމަ އެމަނިކުފާނު ވަރަށް ރަނގަޅަށް ވެރިކަން ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އެހެންވީމައި އެންމެން އެކައްޗެއް ކިޔައިގެން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ޑރ. ޝަހީމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޝަހީމް ވިދާޅުވީ އެމަނިކުފާނާ އިދިކޮޅު ބައެއްވެސް އަދި ޕާޓީއެއްވެސް ނޯންނާނެ ކަމަށެވެ. އެންމެންނަކީވެސް އެމަނިކުފާނާ އެއްކޮޅު މީހުން ކަމަށް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް އެކަންކަން އިސްލާހު ކުރެވޭނެ ކަމަށާއި ރިޔާސީ އިންތިޚާބުގައި އެފަދަ މީހުންވެސް ރައީސް ޔާމީނަށް ތާއިދުކޮށް ދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.