ބުއްދިއާއި ވަޙީ

ރޮބަރޓް ސެމިއުލްސަން އަކީ އެމެރިކާގެ ވަރަށް މަޝްހޫރު އިޤްތިޞާދީ މާހިރެކެވެ. "ނިވްސްވީކް" މަޖައްލާގައި 11 މާޗް 1996 ގައި އެމެރިކާގެ މުޖުތަމަޢާ ބެހޭ ގޮތުން އޭނާ ލިޔުއްވި ކޮލަމެއްގައި ބަޔާން ކުރައްވައިފައި ވެއެވެ. "އެމެރިކާގެ ކާމިޔާބީއާއި، ވިޔާނުދާކަމާ ވަނީ މަސްހުނި ވެ އެކަތިގަނޑަކަށް ވެފައެވެ." އިޖްތިމާޢީ ޢިލްމުވެރިއެއް ކަމަށްވާ ސޭމުއަރ ލިޕްސެޓާ ޙަވާލާ ދެއްވަމުން ސެމިއުލްސަން ވިދާޅު ވެފައިވާ ގޮތުގައި އެމެރިކާގެ އިޤްތިޞާދީ ބާރާއި ކުރިއެރުން އުފެދިގެން އައިސްފައި ވަނީ ކުށް ކުރުމާއި، ޢާއިލާތައް ރޫޅުމާއި، ހަމަހަމަކަން ނެތުމާއި، ފާޙިޝް ޢަމަލުތައް އުފެދިގެން އައި މަސްދަރުންނެވެ. ނުވަތަ ޒަރީޢާއިންނެވެ. އިޤްތިޞާދީ ކުރި އެރުން ލިބުނީ މިނިވަންކަމާއި، އަމިއްލަވަންތަ ކަމުގެ ސަބަބުންނެވެ. ހަމަ އެހެންމެ ލިބުނު މިނިވަންކަމަކާއި، އަމިއްލަވަންތަ ކަމެއްގެ ސަބަބުން މުޖުތަމަޢުގެ ހަމަތައް ވީއްލިގެން ދިޔައީއެވެ. ސުވާލަކީ ޤައުމެއްގައި އުފެދޭ ފުރިހަމަ، ރަނގަޅު ސިފަތަކެއްގެ ސަބަބު، އެއީ ހުރިހައި ނުބައި ކަމެއްގެ ސަބަބަށްވެސް ވަނީ ކީއް ވެގެން ތޯއެވެ؟ ހުރިހައި ރަނގަޅު ކަމަކާއި، ނުބައި ކަމެއް އެކުވެ، ވަކި ނުވާ މިންވަރަށް އިންސާނިއްޔަތު ޚަރާބު ވެފައި ވަނީ ތޯއެވެ؟

މި މައްސަލައިގެ ފުނަށް ބައްލަވާކަށް ސެމިއުލްސަން މަސައްކަތެއް ނުކުރައްވައެވެ. އޭނާގެ ލިޔުއްވުމުން ދޭހަވާ ގޮތުގައި މިއީ އޭނާވެސް ގަބޫލު ކުރައްވާ ގޮތެވެ. އޭނާ ލިޔުއްވައިފައި ވެއެވެ. "އަހަރެމެންގެ ޢަޤީދާ ވެފައި ވަނީ ލެއްވި ރަޙްމަތަކަށެވެ. ހަމަ އެހެންމެ ބޮޑު ބުރަ އަކަށްވެސް މެއެވެ." އިޤްތިޞާދީ ޢިލްމަކީ "އުއްމީދެއް ނެތް" ޢިލްމެއް ކަމަށް ބުނެ އުޅެއެއް ނޫންތޯއެވެ؟

ދުނިޔެއަކީ ޠަބީޢަތުގައި ނުބައި ތަނެއް ނޫނެވެ. ސެމިއުލްސަންގެ ލިޔުއްވުން ޙަޤީޤަތާ ކޮންމްވެސް ވަރަކަށް ގާތް ކުރެއެވެ. އެހެން ނަމަވެސް އޭނާއަށް ވަނީ އުސޫލީ ސިފަތަކާއި، އެ ސިފަތައް ލިބިގަތުމަށް އިޚްތިޔާރު ކުރާ ވަސީލަތާއި، މަގު އޮޅިވަޑައިގެންފައެވެ. އެއް ދާއިރާއެއްގައި ވަރަށް ރަނގަޅަށް ބޭނުން ހިފޭ ވަސީލަތެއް އެހެން ދާއިރާއެއްގައި ބޭނުން ނުހިފޭ ގޮތް ވެދާނެއެވެ. ސަބަބަކީ އެ ވަސީލަތް އުފެދުނު މަޤްޞަދު ތަފާތު ވުމެވެ. މަޤްޞަދަކީ ވަކި ދާއިރާއެއް ކަމަށް ވެއްޖެ ނަމަ، އެހެން ދާއިރާއެއްގައި އެ ވަސީލަތުގެ ބޭނުމެއް ރަނގަޅަކަށް ނުހިފޭނެއެވެ. މައްސަލަ އޮތީ ވަސީލަތުގެ ބޭނުން ހިފުނު ދާއިރާގައި ބޭނުން ހިފިއްޖެ ކަމަށް ކިޔައި އަޑު އުފުލަމުން، އެ ވަސީލަތް އެހެން ދާއިރާއެއްގައި ބޭނުން ކުރަން މަސައްކަތް ކުރާ މީހާގެ ކިބައިގައެވެ. ވަސީލަތަކު ނޫނެވެ. މި ވާހަކަ ތަންކޮޅެއް ތިލަކޮށް ދަންނަވައިލާނަމެވެ. އެމެރިކާއާއި ހުޅަނގުން ހޯދައިފައިވާ ޢިލްމީ އަދި މާއްދީ ތަރައްޤީގެ އަސްލަކީ ޢިލްމާއި ބުއްދީގެ ޖަވްހަރު މިނިވަންކަމާއެކު ބޭނުން ކުރުމުގެ ނަތީޖާއެވެ. އެހެން ނަމަވެސް ޢިލްމާއި ބުއްދީގެ ބޭނުން، ހަމަ އެ ގޮތަށް، އަޚްލާޤީ މިންގަނޑުތައް ކަނޑައެޅުމުގައްޔާއި، ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ ނަތީޖާއަކަށް ވީ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ މުޖުތަމަޢެއް އުފެދުމެވެ.

ކޮންމެ ވަސީލަތަކީ ނުވަތަ އާލާތަކީ އެ ވަސީލަތެއް ނުވަތަ އާލާތެއް ބޭނުން ކުރާނޭ ދާއިރާ ކަނޑައެޅި މަޙްދޫދު ވެފައިވާ ވަސީލަތެކެވެ. ނުވަތަ އާލާތެކެވެ. އެ ދާއިރާއިން ބޭރުގައި އެ ވަސީލަތެއްގެ ނުވަތަ އާލާތެއްގެ ބޭނުމެއް ނުހިފޭނެއެވެ. މިސާލަކަށް ފޯރ ބިޓް ކޮމްޕިއުޓަރަކީ އާދައިގެ ހިސާބު ނަންބަރެއް ހަދަން އެންމެ ރަނގަޅު އެއްޗަކަށް ވެދާނެއެވެ. ދޭކާއި ވިއްސާ ގުނަކޮށްފައި އެ ކޮމްޕިއުޓަރުން ދައްކާ ޖަވާބަކީ ރަނގަޅު ޖަވާބަކަށް ވެދާނެއެވެ. އެކަމަކު ވަރަށް ގިނަ އަދަދުގެ އެތައް ދަހަމަލައެއްް ހިމެނޭ ހިސާބު ނަންބަރެއްގެ ޖަވާބު އެފަދަ ކުޑަ ކޮމްޕިއުޓަރަކުން ދައްކާނީ ރަނގަޅަކަށް ނޫނެވެ. ރަން ކިރާ ތަރާދަކުން އެތައް ކިލޯއެއްގެ ދަގަނޑެއް ނުކިރޭނެއެވެ. ދަގަނޑު ކިރޭނީ ކައްޓާއިންނެވެ.

ދުނިޔޭގެ ކަންތައްތައް ދަސް ކުރާން ބޭނުން ކުރާ ވަސީލަތާއި އާލާތުގެ ކަންތައް އޮތީވެސް މި ފަދަ ގޮތަކަށެވެ. އަޅުގަނޑުމެންގެ ޙިއްސުތަކާއި، ޢިލްމީ ޤާބިލިއްޔަތަކީ ޢަޖާއިބު ވާ ފަދަ ފެންވަރު ރަނގަޅު ވަސީލަތެވެ. ސައިންސާއި ޓެކްނޮލޮޖީ އަކީ މި ވަސީލަތުގެ ބޭނުން ހިފާ ޢިލްމެވެ. ސައިންސްގެ ސުމާރެއް ނެތް ހޯދުންތަކަކީ ބުއްދީގެ ބޭނުން ކޮށްގެން ކުރެވުނު ޢިލްމީ ތަޙްޤީޤުތަކެއްގެ ނަތީޖާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ވޭތުވެ ދިޔަ ހަތަރު ޤަރުނުގެ ތެރޭގައި ހޯދިފައިވާ ތަކެއްޗާއި ޢިލްމީ ޙަޤީޤަތްތައް ދުނިޔޭގެ އެކި ދިމަދިމާއިން އެހެރަގެން ފެންނަނީއެވެ.

އެހެން ނަމަވެސް އެއް ދާއިރާއެއްގައި މި ދެންނެވުނު ފަދަ ފުރިހަމަ ނަތީޖާތައް ނެރެފައިވާ ވަސީލަތަކީ އެހެން ދާއިރާއެއްގައި އެއްވެސް ބޭނުމެއް ނުހިފޭ ނުވަތަ ނުރައްކާތެރި ވަސީލަތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އިލާހީ މަގު ދެއްކެވުމެއް ނެތި ހަމައެކަނި ބުއްދީގެ ބޭނުން ކޮށްގެން ދިރިއުޅުމަކީ ކޮބައިކަން ކަނޑައަޅާން އުޅެފިނަމަ އަދި ދިރިއުޅުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ކަނޑައަޅާން އުޅެފިނަމަ، ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. މި ފަދަ ޙާލަތެއްގައި ވަސީލަތް ރަނގަޅު ނަމަވެސް އެ ވަސީލަތުގެ ބޭނުން ކުރެވުނު ގޮތް ނުބައި ވާނެއެވެ. ހެޔޮ ގޮތާއި ނުބައި ގޮތަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އަޅުގަނޑުމެންގެ ޙިއްސުތަކާއި، ބުއްދީގެ އަލީގައި ކުރެވޭ ތަޙްޤީޤުތަކަށްވުރެ އިތުރު ކަންތައްތަކެއް ނުވަތަ ވަސީލަތްތަކެއް ބޭނުން ވާނެއެވެ. ހަމައެކަނި ބުއްދީގެ ބޭނުން ކޮށްގެން މި ސުވާލު ތަކުގެ ޖަވާބު ހޯދަން މަސައްކަތް ކުރުމުން އެކި މީހުންނަށް ނެރެވެނީ އެކި ނަތީޖާއެވެ. ލިބެނީ އެކި ޖަވާބެވެ. ޙަޔާތުގެ މަންޒިލަކީ ނުވަތަ މަޤްޞަދަކީ ކޮބައިކަން ހޯދުމުގައި ފަލްސަފާވެރިން ނުކުޅެދިފައިވާ ސަބަބަކީ މިއީއެވެ. އެކި ފަލްސަފާވެރިންނަށް ނެރެވެނީ އެކި ޖަވާބެވެ. އުފާވެރިކަމެވެ. ރައްކައުތެރިކަމާއެކު ދިރިއުޅުމެވެ. އުފަލެވެ. ލޯތްބެވެ. ފުދުންތެރިކަމެވެ. ފަލްސަފާވެރިން ވަނީ ބުއްދީގެ ބޭނުން ކޮށްގެން މިފަދަ އެތައް ޖަވާބެއް ނެރެފައެވެ. މީގެ އިތުރަށް މިފަދަ ކަންތައްތަކުގައި އަޅުގަނޑުމެންގެ އިޙްސާސަތްކާއި، ބުއްދީގެ ދަލީލުތަކާ މުޅީން ވަކި ކޮށްލުމަކީ މުސްތަޙީލު ކަމެކެވެ. އިތުރު އެހީއަކާ ނުވަތަ އިތުރު މަޢުލޫމާތަކާ ނުލައި ބޭނުން ކުރެވޭ ބުއްދިއަކީ އަޅުގަނޑުމެންގެ އެދުންތައް ފުރިހަމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތެކެވެ.

ހުޅަނގަށް މިއަދު ދިމާ ވެފައިވާ މައްސަލައަކީ އެ މީހުންގެ އަޚްލާޤީ ސަމުގާގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި ނުބައި ވަސީލަތެއް ނުވަތަ އާލާތެއްގެ ބޭނުން ކުރުމުގެ ސަބަބުން ދިމާ ވެފައިވާ މައްސަލަ ތަކެވެ. ހުޅަނގުގެ ރައްޔިތުންގެ އަޣްލަބިއްޔަތަކީ އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅު ހަދާ ބަޔަކަށް ވުމަކީ ދުރު ކަމެއް ނޫނެވެ. އެއީ ވިޔާނުދާ ކަމެއް ކަމާއި، އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ކަމެއް ކަމުގައި އެ މީހުން ގަބޫލު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު މިއަދުގެ ޙާލަތު އޮތީ ކިހިނެއްތޯއެވެ؟ އެ ދަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށް ކަނޑައަޅަމުންނެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ރާޅު ހުއްޓުވުމުގެ ބާރެއް ހުޅަނގަކަށް ލިބިފައެއް ނެތެވެ. ސަބަބަކީ ހަމައެކަނި ބުއްދީގެ ބޭނުން ކޮށްގެން ދައްކާ ވާހަކައެއްގައި އެއީ ނުބައި ކަމެއް ކަމަށް ބުނެވޭނޭ ޖާގައެއް ނެތުމެވެ. ބޮޑެތި ފާޙިޝް ޢަމަލުތަކާ ދެކޮޅަށް ކޯޓުގައި މައްސަލައެއް ސާބިތު ކުރުމަށްވުރެ، ޢާއްމުން އެއްވާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރުން މާ ފަސޭހައެވެ. މިއީ ހެވާއި ނުބައި ވަކި ކުރުމަށްޓަކައި ބޭނުން ކުރާ ހަމައެކަނި ވަސީލަތަކީ ބުއްދި ކަމުގައި ހެދުމުގެ ނަތީޖާއެވެ.

މި ދެންނެވުނު ފަދައިން ބުއްދީގެ އަޅަކަށް ވުމަކީ ހަމަ އެކަނި މި ޒަމާނުގެ ކަމެއް ނޫނެވެ. ޢުބައިދުﷲ ޙަސަން ޤިރްވާނީ އަކީ ބަޠާނީ ފިރްޤާގެ ޒަޢީމެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިރިހެނަކު އޭނާގެ އަންހެން ކޮއްކޮއެއްގެ ނުވަތަ ދައްތައެއްގެ ކާވެނި އޭނާ ނުދަންނަ ހިލޭ މީހަކާ ކުރުވުމަކީ މޮޔަ ކަމެކެވެ. ހަމަ އެހެންމެ ފިރިހެނަކާ އޭނާ ނުވެސް ދަންނަ ބީރައްޓެހި އަންހެނަކާ ދެވުމަކީވެސް ހަމަ އެފަދަ މޮޔަ ކަމެކެވެ. އަންހެނަކަށް އެންމެ ރަނގަޅީ އޭނާޔާ އެއްބަނޑު އެއް ބަފައި އަޚަކާ ކާވެނި ކުރުމެވެ. ޢުބައިދުﷲ ދެކޭ ގޮތުގައި އަންހެނަކު އެންމެ ބޮޑަށް ހިތް ހަމަ ޖެހޭނޭ ގޮތަކީ އެއީއެވެ. މިއީ ލަދުން އިސް އުފުލައިލާން ނުކެރޭ ފަދަ ވިޔާނުދާ ވާހަކަ ތަކެކެވެ. އެކަމަކު ހަމައެކަނި ބުއްދީގެ ބޭނުން ކޮށްގެން މި ވާހަކަތަކަށް ދޭނޭ ޖަވާބެއް އެބަ އޮތްތޯއެވެ؟

ދިރިއުޅުމުގެ މަޤްޞަދަކީ ކޮބައިތޯ ހޯދުމަށްޓަކައި ބުއްދިއަށް ވުރެ ފެންވަރު ރަނގަޅު ވަސީލަތެއްގެ ބޭނުން ހިފަން ޖެހޭނެ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެ ވަސީލަތް ވާން ޖެހޭނީ ފުރިހަމަ މަޢުލޫމާތު އެކުލެވޭ ވަސީލަތަކަށެވެ. އަމިއްލައަށް އީޖާދު ކުރާ ޚިޔާލަކަށް ނޫނެވެ. އަމިއްލަ އެދުންތަކަށް ދީލައިލުމުގެ ބަދަލުގައި އެ އެދުންތަކަށް ފަރުވާއެއް ލިބޭ ވަސީލަތަކަށެވެ. ނަބީ ބޭކަލުންނާއި، ރަސޫލު ބޭކަލުން ވަޑައިގަތީ މި ދެންނެވި މަޢުލޫމާތާއިގެންނެވެ. ނުވަތަ ވަސީލަތާއިގެންނެވެ. އެ ބޭކަލުން ވިދާޅު ވަމުން ގެންދެވީ އަޅުގަނޑުމެންނަށް ނޭނގޭ މަތީ ދަރަޖައެއްގެ މަޢުލޫމާތުތަކެއް އެ ބޭކަލުންނަށް އެނގިވަޑައިގަންނަވާ ކަމުގައެވެ. އެއީ ވަޙީއެވެ. އިލާހީ ބަސްފުޅެވެ. ރަސޫލުބޭކަލުންނަށް އީމާންވީ މީހުން ވަނީ ބުއްދިއާއި ފުން ވިސްނުމެއްގެ ބޭނުން ކޮށްގެން އެ ބޭކަލުންގެ  ތެދުވެރިކަމާއި ޝަޚްޞިއްޔަތުގެ މަތިވެރިކަން ކަށަވަރު ކޮށްފައެވެ. އަދި އެ ބޭކަލުން ގެންނެވި ވަޙީއާ މެދުވެސް މީހުން ޢަމަލު ކުޅަ ގޮތަކީ މިއީއެވެ. އެ މީހުން ގަބޫލު ކުރި ގޮތުގައި ވަޙީއަކީ އިންސާނީ ސިކުނޑިއަށްވުރެ މާ މަތީން އައި ޢިލްމެކެވެ. ދަރިއަކަށް އޭނާގެ ބަފަޔާ ދިމާއަށް މި ފަދައިން ބުނަން ކެރުނު ސަބަބަކީ އެއީއެވެ.

"އޭ ބައްޕާއެވެ! علمގެ ތެރެއިން، ބައްޕައަށް އައިސްފައި ނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައި ވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبعވާށެވެ! އޭރުން ބައްޕައަށް ސީދާ ވެގެންވާ ތެދު މަގަކަށް މަގު ދައްކާ ހުށީމެވެ." (މަރްޔަމް ސޫރަތުގެ 43 ވަނަ އާޔަތުގެ ތަރުޖަމާ)

ނުބައި ގޮތަކީ ކޮބައި ކަމާއި، ރަނގަޅު ގޮތަކީ ކޮބައިކަން އަޅުގަނޑުމެން ގަބޫލު ކުރަނީ ވަޙީގެ ޒަރީޢާއިން އަޅުގަނޑުމެންނަށް އެކަންތައްތައް އެންގެވީމައެވެ. އަޅުގަނޑުމެންނަށް އެކަންކަން ސާބިތުކޮށް ދެއްވީމައެއް ނޫނެވެ. ރިބާ ކެއުމާއި، ޖުވާ ކުޅުމާއި، އޫރުމަސް ކެއުމާއި، ރާ ބުއިމަކީ ނުބައި ކަންތައް ކަމުގައި އަޅުގަނޑުމެން ގަބޫލު ކޮށްގެން ތިބެނީ ވަޙީގައި އެކަން އެ ގޮތަށް އަންގަވައިފައި ވާތީއެވެ. އަންހެނުން ޙިޖާބުގެ ބޭނުން ކުރުމަކީ ލާޒިމު ކަމަކަށް ވަނީ ކީއްވެގެންތޯއެވެ؟ އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެހެން އަންގަވައިފައި ވާތީއެވެ. އަންހެނުންނާއި ފިރިހެނުންނަށް ލިބިފައިވާ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ ބަޔާން ކުރައްވައިފައިވާ ޙައްޤު ތަކެވެ. މުސްލިމުންގެ ސިފައަކީ "އަހައި ކިޔަމަން ގަތުމު"ގެ ސިފައެވެ. (އަލްބަޤަރާ 285 ވަނަ އާޔަތް ބައްލަވައިލައްވާ!) އެމީހުން އަޑު އެހުމަށްފަހު ސުވާލު އުފައްދަނީއެއް ނޫނެވެ. ޒުވާބު ކުރަނީއެއް ނޫނެވެ. އަދި ތަޙްޤީޤުކޮށް ބެލުމަށްފަހު އެ މީހުން ގަޔާވާ ކަމަކަށް ވެއްޖެ ނަމަ ކިޔަމަން ގަންނަނީއެއް ނޫނެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ޤުރްބާން ކުރައްވަން ނުވަތަ ޒަބަޙާ ކުރައްވަން އުޅުއްވި އުޅުއްވުމުން ލިބިދޭ މެސެޖަކީ ކިޔަމަން ގަތުމުގެ މެސެޖެވެ. އެ ދަނޑިވަޅު ބަޔާން ކުރައްވަމުން ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވަނީ މި ފަދައިންނެވެ. "ފަހެ، އެ ދެބަފައިކަލުން (اللَّهއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ إبراهيمގެފާނެވެ!" (އައްޞައްފާތު ސޫރަތުގެ 103 ވަނަ އާޔަތުގެ ތަރުޖަމާ) މި އާޔަތުގައި "ބޯލަނބައި ކިޔަމަންވުން" މި ބަސްފުޅު ބައެއް ޢިލްމުވެރިން މާނަ ކުރައްވަނީ އިސްލާމް ދީން ގަބޫލުފުޅު ކުރެއްވުމުގެ މާނައިގައެވެ. މި ޙާދިސާއަކީ ހަމައެކަނި ބުއްދީގެ ބޭނުން ކޮށްގެން ބަލައިފި ނަމަ، އެތައް މިލިއަން ސުވާލެއް އުފެއްދިދާނޭ ޙާދިސާއެކެވެ.

ޢާއްމު އުސޫލެއްގެ ގޮތުން "އަަަހަންނަކަށް ނޭނގޭ." މިހެން ބުނެލުމަކީ އުނދަގޫ ކަމެކެވެ. ޤައުމެއްގެ ގޮތުގައި ބަލާނަމަ، އެ ޤައުމަކުން އެންމެ ފުރިހަމަ އުސޫލު ކަމަށް ބަލައިގެން ހިފަހައްޓަމުން އަންނަ އުސޫލަކީ ރަނގަޅު ނޫން އުސޫލެއް ކަމަށް އިޢުތިރާފު ވުމަކީ ފަރުދަކު އަހަންނަކަށް ނޭނގެއޭ ބުނެލުމަށް ވުރެ މާ އުނދަގޫ ކަމެކެވެ. މި ޒަމާނުގެ ދުނިޔޭގެ އެންމެ ދެރަ ކަމަކީ މިއީއެވެ. ޤައުމުގައި އެތައް ނުބައި ކަމެއް ހިނގަމުން ދާ އިރުވެސް ހިފަހައްޓައިގެން ތިބި އުސޫލުތައް ކަމުނުދާ ކަމަށް ގަބޫލު ކުރަން ޖެހިލުން ވަނީއެވެ. އެކަމަކު މުސްލިމުންނަކީ ތަފާތު ބައެކެވެ. މުސްލިމުންނަކީ އެ މީހުންގެ ވިސްނުން ނުފޯރާ ވަރަށްވުރެ މަތީން އަންނަ ޢިލްމާއި ހިދާޔަތަށް ބޯލަނބައި ކިޔަމަން ގަތުމުގެ ހިތްވަރު ހުންނަ ބައެކެވެ. އެމީހުންގެ ބުއްދިއަށް "ތެޔޮ ޖަހަނީ" ވަޙީގެ ޒަރީޢާއިންނެވެ. އެމީހުންގެ އިޙްސާސްތައް ކޮންޓުރޯލު ކުރަނީ ވަޙީގެ ޢިލްމީ ޚަޒާނާޔާ ގުޅިފައިވާ ބުއްދިއަކުންނެވެ. ޢަޤީދާގެ ސަބަބުން ރަޙްމަތުގެ ތެރެއަށް ވަންނަ ބަޔަކީ އެއީއެވެ. ޢަޤީދާއަކީ ބޮޑު ބުރައަކަށް ވެގެން ތެޅިފޮޅެން ނުޖެހޭ ބަޔަކީވެސް އެއީއެވެ. (ތަރުޖަމާއެއް)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.