
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އައިސް ތިން މީހަކު މަރުވެއްޖެއެވެ.
ރިކްޓަރ މިންގަނޑުން 6.1 ބާރުމިނުގައި އައި މި ބިންހެލުމުގައި އެސިޓީން ވަނީ ތިންމީހަކު މަރުވެފައެވެ. މަރުވެފައިވަނީ 9 އަހަރުގެ އަންހެން ކުއްޖަކާއި އައްޑިހަ އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ފިރިހެނެކެވެ. އަދި 200 އަށްވުރެ ގިނަ މީހުން ޒަޚަމް ވެފައިވާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޖަޕާނުގެ މީޑިއާތަކާ ހަވާލާދީ ދަ ސްޓަރ ގައި ބުނެފައިވެއެވެ.
މި ހާދިސާގައި އޮސާކާ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންވެ ބައެއް އިމާރާތްތަކުގައި އަލިފާން ވެސް ރޯވެފައެވެ. ބިން ހެލުމަށްފަހު ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. ޖަޕާނުން ގެންދަނީ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އޮސާކާ ސިޓީގައި ދިރިއުޅެމުންދާ އެއްވެސް ދިވެއްސަކަށް މިހާދިސާގައި ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އެ ސިޓީގައި އުޅޭ އަށް ދިވެހިންގެ ހާލު ވަކިވަކިން ބެއްލެވި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.