
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ލިޔުއްވި ބަޔާނުގައެވެ.
ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.
"އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި" އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.
ޝިންޒޯ އަބޭ އަވަހާރަކޮށްލާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށްނެވެ.