
ރާއްޖެއަށް މަސައްކަތް ކުރަން އަންނަ އިންޑިޔާ މީހުންނަށް ރާއްޖެއިން ވިސާ އާއި ވޯކް ޕާމިޓް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރަމުން އަންނަ ކަމަށް ބުނެ އިންޑިޔާގެ ކެރެލާ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާގެ ޚާރިޖިއްޔާއަށް ފޮނުވި ސިޓީއާއި ގުޅިގެން ދާދިފަހަކާ ޖެހެންދެވެސް ޓްރިވެންޑްރަމްގައި ރާއްޖޭގެ ފަރާތުން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިންޑިޔާ އާއި ރާއްޖޭއާ ދެމެދު ކުރިން އޮތް ގުޅުން ހީނަރުވެފައިވާއިރު އިންޑިޔާ މީހުންނަށް ދިވެހި ރާއްޖެއިން ވިސާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ހުރި ދަތިތައް ފިލުވައި ދެއްވުން އެދި ކެރެލާ ޗީފް މިނިސްޓަރު އެގައުމުގެ ޚާރިޖީ ވަޒީރަށް ދެންނެވުމާއި ގުޅިގެން އަލީ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށްވެސް އިންޑިޔާއިން ވިސާ ނުލިބި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ވާހަކަ އިންޑިޔާގައި "އެކިފަހަރު މަތިން ދެއްކުނު" ކަމަށެވެ. ނަމަވެސް ރާއްޖެއިން އެކަމާމެދު ދެއްކި ވާހަކަ ތަކަށް އިންޑިޔާއިން "ކަހާތަން ހިރުވާވެސް ނުލެއްވި" ކަމަށް އަލީ އާދަމް ވިދާޅުވިއެވެ.
"ދިވެހިންގެ މަދު މީސްކޮޅަކަށް ވެފައި، ކުޑަ ގައުމެއްވީމަ ކަންނޭނގެ" އަލީ އާދަމް ވިދާޅުވިއެވެ.
އިންޑިޔާ މީހުންނަށް ރާއްޖެއިން ވިސާ ނުލިބިގެން އިންޑިޔާއިން ކޮށްފައިވާ ޝަކުވާއާ ގުޅިގެން އަލީ އާދަމް ވިދާޅުވީ "އަދަދުން ބޮޑު ނަންބަރެއްވީމާ" (އިންޑިޔާގެ އާބާދީ ބޮޑުވުމުން) އިންޑިޔާއަށް "އުދަނގޫފުޅު" ވާނެކަމަށެވެ.
" އުނދަގޫވީމާ ބޮޑަސް، ކުޑަޔަސް އުނދަގޫވީމަ ހަމަ ކޮންމެ ގައުމަކަށް ވެސް އުނދަގޫވާނެ." އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދިރިއުޅޭ އިންޑިޔާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެއިން ދަތިކުރަމުން އަންނަ ކަމަށް އިންޑިޔާއިން ކުރާ ތުހުމަތުތައް ރާއްޖޭގެ އިމިގްރޭޝަނުން ވަނީ ދޮގު ކޮށްފައެވެ. އިމިގްރޭޝަނުން ބުނެފައި ވަނީ އެހެން ގައުމުތަކުގެ މީހުންނެކޭ އިންޑިޔާ މީހުންނެކޭ އެކަމުގައި އެއްވެސް ތަފާތެއް ރާއްޖެއިން ނުގެންގުޅޭ ކަމަށެވެ.
އިންޑިޔާއިން މި ޝަކުވާ އުފުލުއިރު އިންޑިޔާއަށް ރާއްޖެއިން ގޮސްއުޅޭ ދިވެހިންނަށް ވިސާ ނުލިބުމުގެ ޝަކުވާއަކީ ވަރަށް ދުވަސްވީ މައްސަލައަށް އޮތީ ވެފައެވެ. މި މައްސަލައިގެ ތެރެއަށް އެންމެ ފަހުން ވަދެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން އިންޑިޔާއަށް ބޭސްފަރުވާއަކަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަނުދީ އަނބުރައި ރާއްޖެ ފޮނުވާލެއްވުމެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ހައިކޮމިޝަނުންވެސް ވަނީ އިންޑިޔާގައި ޝަކުވާކޮށް، އެއީ ކީއްވެގެންވީ ކަމެއްތޯ ސާފު ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެކަމާމެދު އިންޑިޔާއިން ޖަވާބެއް ދީފައިނުވެއެވެ.