ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށް ސްޕޭން މިފަހަރު ވޯލްޑްކަޕަށް ރަޝިޔާއަށް ފުރަން ތައްޔާރު ވެފައި ވަނިކޮށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބޭއްވި ކުއްލި ނިއުސްކޮންފަރެންސެއްގައި ދިން ޚަބަރަކީ ފުޓްބޯޅައަށް މަރުދޭ ސްޕޭންގެ އެންމެންނަށް ގެނުވި ކުއްލި ޝޮކަކަށް ވެގެންދިޔައެވެ. އެއީ ވޯލްޑްކަޕްގެ ތަށި އަލުން އަނބުރައި ސްޕޭނަށް ގެނައުމަށްޓަކައި ޓީމު ހަވާލުކޮށް ރަނގަޅު ނަތީޖާ ތަކެއްވެސް ހޯދަމުން އައި ކޯޗު ޖޫލެން ލޮޕެޓީގު މަގާމުން ވަކިކުރި ޚަބަރެވެ.
ސްޕޭންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ކުރިން އެނގުމަކާއި ނުލައި އެގައުމުގެ އެންމެ ވަރުގަދަ އެއްކުލަބު ކަމަށްވާ ރިއާލް މެޑްރިޑްގެ ކޯޗުކަމާ ޖޫލެން ލޮޕެޓީގު ހަވާލުވުމުގެ އަދަބެއްގެ ސްޕޭންގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމު އަތުލުމުން ރަޝިޔާއަށް ދިޔުމަށް ބޯޓަށް އަރަން ތައްޔާރު ވަމުންދިޔަ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ޖޫލެން ލޮޕެޓީގު މަގާމުން ވަކިކުރުމަށް ފަހު ރަޝިޔާއަށް ދިޔުމުގެ ކުރިން ޓީމުގެ ކޯޗުކަން ފެޑަރޭޝަނުން ހަވާލު ކޮށްފައި ވަނީ ޖޫލެން ލޮޕެޓީގު އާއެކު ކޯޗިންގ ޓީމުގައި އުޅެމުން އައި ފެނާންޑޯ ހިއޭރޯއާއެވެ. ކޯޗިންގ ދާއިރާގައި ޖޫލެން ލޮޕެޓީގު އާ އަޅާބަލާއިރު ތަޖުރިބާ އާއި ކާމިޔާބުވެސް މަދު ހިއޭރޯއާ ޓީމު ހަވާލުކޮށް ޓީމު ރަޝިޔާއަށް ފުރުވާލި ނަމަވެސް ޓީމަށް ލިބިފައި އޮތީ ހިމޭން ކަމެވެ.
އެއާއެކު އަދިވެސް އެ ކުއްލި ހައިރާން ކަމުން ދުރުނުވެވި ހުރި މީހަކީ މިވަގުތު ސްޕޭން ގޮވައިގެން ވޯލްޑް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދަން ހަވާލުވެ ހުރި ކޯޗު ހިއޭރޯއެވެ. ހިއޭރޯ އަމިއްލައަށް ގަބޫލުކުރާ ގޮތުގައިވެސް މިއީ އުދަނގޫ ދަނޑިވަޅެކެވެ. އެކަން އެންމެ ބޮޑަށް ޔަގީން ވެގެންދިޔައީ ވަރުގަދަ ޕޯޗުގަލްއާއެކު ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ނުކުންނަން ވަގުތު ކައިރިވެފައި ވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންނެވެ. ހިއޭރޯގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތާމައާއި ހިތްދަތި ކަމެވެ. އެންމެ އެކުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު ޖޫލެން ލޮޕެޓީގު ކުއްލި ގޮތަކަށް ޓީމުން ވަކިވެގެންދާން ޖެހުމުންނެވެ. އެހެންވެ ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއޭރޯއަށް ނޫސްވެރިންގެ ސުވާލު ތަކަށް ކުރިމަތިލާން އުދަނގޫވިއެވެ.
މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ކުރިމަތިލާން ޖެހުމުން ހިއޭރޯއަށް އެ ނޫސްވެރިންގެ ބައްދަލުވުން ސިފަ ކުރެވިގެން ދިޔައީ މީހަކު މަރުވެގެން ބޭއްވި ޖަނާޒާއެއްގެ ގޮތުގައެވެ.
"މިތަން ހީވަނީ މީހެއްގެ ޖަނާޒާގެ ވަގުތު ތަކެއްހެން" ލިބިފައިވާ ހިތްދަތިކަމުގެ އިޙްސާސްތަކާއެކު ހިއޭރޯ އަމިއްލައަށް ބުންޏެވެ.
ހިއޭރޯވެސް އަދި ސްޕޭންގެ ކުޅުންތެރިންވެސް ތިބީ ވެގެންދިޔަ ކަންކަން ހަނދާނުން ފިލުވާލާއި ވޯލްޑްކަޕްގެ މެޗުތަކާ ކުރިމަތިލާން އަޒުމް ކަނޑައަޅައިގެންނެވެ. ސްޕޭންގެ ފުޓްބޯޅައަށް ލިބިފައިވާ ޝަރަފްވެރި ނަމަށްޓަކައިވެސް އެމީހުން ތިބީ ކުރީގެ ކޯޗު ކަނޑައެޅި އަމާޒަށް ޓިމާއެކުދާން އަޒުމް ކަނޑައަޅައިގެންނެވެ. އެއީ ވޯލްޑްކަޕްގެ ތަށި ރަޝިޔާގެ ފަސްގަނޑުން ބާލައިގެން ފުޓްބޯޅައިގެ ފޯރިހުރި ސްޕޭން ފަސްގަނޑަށް ގެނައުމެވެ.