އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެދާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ރާއްޖެއާ އެންމެ ގާތްގުޅުމެއް އަބަދުވެސް އޮންނަ އެންމެ އަވައްޓެރި ގައުމު ކަމަށްވާ އިންޑިޔާއިން ބުނެފިއެވެ.
އިންޑިޔާއިން މިހެން ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއިބެހޭ ގޮތުން އިންޑިޔާއިން ނެރުނު ބަޔާނެއްގައެވެ.
އިންޑިޔާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލާއި ސުޕްރީމް ކޯޓުގެ މަސައްކަތްވެސް މިނިވަންކަމާއެކު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް އިންޑިޔާއިން ގޮވާލާ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނާއި ދެފަނޑިޔާރުންގެ މައްޗަށް ޖަލު ޙުކުމް އިއްވީ އިންސާފުން ނޫން ކަމަށްވެސް އިންޑިޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިޔާ ސަރުކާރުން ބުނީ ޖަލު ޙުކުމުގައި މިހާރު ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން މިނިވަންކޮށް، މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް އެގައުމުން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އިންޑިޔާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި އިންޑިޔާ ސަރުކާރުގެ މި ބަޔާނަށް ދިވެހި ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެއެވެ.