ކުރިޔަށް އޮތް ފިތުރު އީދު ނަމާދު މާލޭގެ މާފަންނު ސްޓޭޑިއަމް ކުރަން އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ މާލޭގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒުގައި ކަމަށެވެ. މާލޭގެ އިތުރުން މާލެ ސިޓީން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ހުޅުމާލޭގައި ނަމަ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. ވިލިމާލޭގައި އޮންނާނީ އެރަށު ފުޓްބޯޅަ ދަނޑުގައެވެ.
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްޓަކައި މާފަންނު ސްޓޭޑިއަމް ހަމަޖެއްސި ނަމަވެސް މާލޭގެ ބަޔެއް މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ. އަދި ހުޅުމާލެ އާއި ވިލިމާލޭގައިވެސް މިސްކިތް ތަކުގައި އީދު ނަމާދު ކުރުންވެސް އޮންނާނެއެވެ.
ބޮޑު ޖަމާއަތުގައި މާލެ ސިޓީގައި އީދު ނަމާދު ކުރުން ބާއްވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔެއް ރަށްރަށުގައިވެސް ދަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް އިންތިޒާމްތަކެއް ރާވަމުންނެވެ. ބަޔެއް ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް އެކަމަށް ޚާއްސަ ކުރެއެވެ.
ބޮޑު މަޖާމާއަތުގައި އީދު ނަމާދު ކުރުން ރާއްޖޭގައި ތައާރަފް ކުރިފަހުން އާންމުގޮތެއްގައި މޫސުން ރަނގަޅު ދުވަސްވަރެއްނަމަ އީދު ނަމާދު ކުރުން މާލެ އާއި ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި ކުރުން މިހާރު ވަނީ އާންމުވެފައެވެ. އަދި އެކަމަށް ގިނަބަޔަކު ތަރުޙީބުވެސް ދަނީ ދެމުންނެވެ.