(10 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ރޫޕް- ބުނަންތަ-؟ ބިރު ނުގަނޭ- ޤުދުރަތުން ހިންގަވާ ކަންކަމާ ދެކޮޅު ހަދަން މަސައްކަތް ނުކުރޭ- އަހަރެމެން ރުހުނަސް، ނުރުހުނަސް ވާން އޮތް ކަމެއް ވާނެ- މަތީގައި ވޮޑިގެން ވާ ސުޕަރ ޕްލޭނަރުގެ އިރާދަ އާ ދެކޮޅެއް ނުހެދޭނެ- އަހަރެން ބޭނުންހައި ގޮތަކަށް ކަން ކަމެއް ނުހިނގާނެ-"
"ޔާ ރައްބީ-" އޭނާ މިހާރު ލޯބިން އަހަރެންގެ ނަމަކަށް ވެސް ރޫޕް ހަދައިފި އެވެ. ރޫބީގެ ހިތަށް ބިރުވެރި ޚިޔާލު ތަކެއް ވަދެގެން ދިޔަ އެވެ. އޭނާ ހަމަ ޙަޤީޤަތުގައި ވެސް އަހަރެން ދެކެ ލޯބި ވަނީ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"އަހަރެންގެ އޮތީ އެންމެ މައްސަލައެއް- ރަޒީ-" އޭނާ އަށް ވާހަކަ ދެއްކޭ ގޮތާ މެދު ޚުދު އޭނާ ވެސް ޙައިރާން ވެއްޖެ އެވެ. ރިޒާ އަށް ރަޒީ އޭނާ މީގެ ކުރިން ދުވަހަކު ވެސް ނުކިޔަ އެވެ. އެ ނަން ފުރަތަމަ ފަހަރަށް ބޭނުން ކުރީ މިއަދުއެވެ.
"ނިކަން ދެކިބަލަ- އަހަރެންގެ މައްސަލައަކީ އެއީ- އަހަރެން ބިރު ގަންނަ ސަބަބަކީ ވެސް އެއީ-"
"ކިހިނެއްވީ-؟ ކޮން މައްސަލައެއް-؟"
"އަހަރެންގެ ޖަޒުބާތުގެ އޮއިވަރު ވަރަށް ގަދަ ވާނެ- މީގެ ކުރިން ވެސް އަހަރެން ލޯބި ވިން- ލޯބި ވެއްޖެއްޔާ މޮޔަވާ ދަރަޖައަށް އަހަރެން ލޯބިވަން- އޭގެ ފަހުން މޮޔަ ވާނެ- އެ މީހަކު އަހަރެން ބޭނުން ގޮތަކަށް ނަށްޓުވަން އަހަރެން މަސައްކަތް ކުރަން ފަށާނަން- މީގެ އިތުރަށް ވެސް އަހަރެންނަށް އެތައް ބަދަލެއް އަންނާނެ- އަހަރެން އަމިއްލަ ނަފްސު ދެކެ ބިރު ގަންނަން ޖެހޭ ސަބަބަކީ އެއީ- ލޯބިވީމާ ލޯބީގެ މައްޗަށް ގަދަ ވެގަތުމަކީ އަހަންނަށް ކުރެވޭ ކަމެއް ނޫން- ލޯބި އަހަރެންގެ މައްޗަށް ގަދަ ވެ ގަންނާނެ- އެއްވެސް ޖަޒުބާތެއްގެ ކުރިމަތީގައި ބަލިވެ ގަތުމަކީ ނުވަތަ ހަތިޔާރު ބެހެއްޓުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން- ބަލިކަށި ވާކަށް އަހަރެން ބޭނުމެއް ނޫން- އިސް ޖަހައިލާކަށް ބޭނުމެއް ނޫން- އެއްވެސް މީހެއްގެ އަމުރުގެ ދަށުގައި ހުންނާކަށް ބޭނުމެއް ނޫން- އެކަމަކު ލޯބިވީމާ އަހަރެންގެ ހުރިހައި ބާރެއް ކެނޑިދާނެ-" ރޫބީގެ ތަޤްރީރު ދިޔައީ ކުރިއަށެވެ.
ރިޒާ މަޑު މަޑުން ރޫބީގެ ތުނި ތުނި އިނގިލިތަކުގައި އަތް ޖައްސައިލި އެވެ. އެއަށް ފަހު ހަމަ އެހާމެ މަޑުން އެ އިނގިލި ތަކުގައި ބޮސް ދިނެވެ. ރޫބީގެ ނޭވާ ކުރުވެގެން ދިޔައެވެ. ހިމޭން ވެއްޖެ އެވެ. އެއީ އޭނާއަށް ވަރަށް ކަމުދިޔަ ކަމަކަށް ވިއެވެ. އެއީ މުޅިން އައު ޖަޒުބާތެކެވެ.
އެ ދެ ކުދިންގެ ލޯބީގައި ކުލަ ޖެހެން ފަށައިފިއެވެ.
ދެ ކުދިން ލޯބީގެ ފައްވާރާއިން ތެމެން ފަށައިފިއެވެ. ގިނަ ވަގުތު ދެ ކުދިން ހޭދަ ކުރަނީ އެކީގައެވެ. ހުނުމާއި، މަޖާ ކުރުމާއި، ކުޅުމުގައެވެ. ދެ ކުދިން އެކީގައި ފިނިބުރު ޖަހަން ދެއެވެ. އަންހެން ކުއްޖާ ގިނަ ވަގުތު ކިޔަވަނީއެވެ. އެހެން ނަމަވެސް ރިޒާ އައިސް ވާހަކަ ދައްކަން ފެށީމާ ރޫބީ ދެއެވެ. ރޫބީއަށް އޭނާގެ ވާހަކަ ތެދުކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވެން ފަށައިފިއެވެ. މިހާރު އޭނާ އަކަށް ރިޒާ އާ ނުލައި އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވެއެވެ.
އޭނާގެ ވަރަށް ގިނަ ކަންތައްތައް ނުކުރެވި ހުންނަން ފަށައިފިއެވެ. އޭނާ އަކީ އަންހެނުންގެ ވަރަށް ގިނަ ޙަރަކާތްތަކުގައި ބައިވެރިވާ ކުއްޖެކެވެ. ވަރަށް ގިނަ ޖަމްޢިއްޔާތަކުގެ މެންބަރެކެވެ. އެކަމަކު މިހާރު ކޮލެޖްގެ ފިލާވަޅުތައްވެސް އޭނާއަށް ނިންމެނީ ލައްކަ މަސައްކަތުންނެވެ. ރޭގަނޑު ނިދެނީ އެހައި އުނދަގުލުންނެވެ. އޭނާ އެކަމަށް އެންމެ ބޮޑަށް ބިރުގަތް ކަންތަކާ ލައިގަތީއެވެ.
އޭނާ ބައެއް ފަހަރަށް ވިސްނައެވެ.
މިހާރު އޭނާ ހުންނާނީ ކީއްކުރަން ބާވައެވެ؟ ކުލާހުގައި ކަމަށް ވެދާނެ އެވެ. ނޫނީ ރައްޓެއްސަކާ އެކު ބައިސްކޯފަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. މި ވަގުތު އޭނާ އޮންނާނީ ނިދާފައި ބާވައެވެ؟ ނޫނީ ހޭލާ އުޅޭނެ ބާވައެވެ؟ ވާރެޔާ ތެމެން ބޭރަށް ނުކުމެ ހިނގަނީ ކަމަށް ވެސް ވެދާނެއެވެ. ރޫބީ އަކީ ވަރަށް ބޮޑަށް ވާރެޔާ ތެމޭ ހިތްވާ ކުއްޖެކެވެ. ރިޒާ އަކީވެސް ވާރެޔާ ހެދި މޮޔަވާ ކުއްޖެކެވެ.
ހަވީރު ވެއްޖެއެވެ.
ދެ ކުދިން އެ ދުވަސްވަރު ކޮލެޖްގައި ބާއްވާ ޑްރާމާ އެއްގައި ބައިވެރި ވެއްޖެ އެވެ. ފަރިތަ ކުރަން އުޅެފައި ލިބުނު ހުސް ވަގުތުކޮޅެއްގައި ދެ ކުދިން ތިބީ ކޮލެޖްގެ ގޯތި ތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީނދެގެންނެވެ. އެއީ ހިސާބަކަށް ފިނި ރެއެކެވެ. ދެ މީހުން އިށީނދެގެން ތިބީ ވަރަށް ކައިރި ކައިރީގައެވެ. އާދައިގެ މަތީން ރޫބީ އިނީ ރިޒާގެ އަތުގައި ހިފަހައްޓައިގެންނެވެ. އަތުގައި ހިފުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ސާދަވިލޭރޭގެ ހަނދު އޭގެ އެންމެ ފުރިހަމަ ކަމާއެކު އުޑުމަތީގައި އަލިގަދަ ބައްތިއެއްހެން ދިއްލިފައި ހުއްޓެވެ. ހަނދާ ދިމާއަށް އަތްދިއްކޮށްގެން ކަހަލަ ގޮތަކަށް ތަންކޮޅެއް ދުރުގައި ވަރަށް ބޮޑު ގަހެއް ހުއްޓެވެ. ހީވަނީ ހަނދުން ރީތި ކަމަށް އެދި ސަލާން ޖަހަނީ ހެންނެވެ. މާޙަވްލުގެ ޖާދޫގައި ޖެހި، ދެކުދިން ގެނބެމުން ދަނީއެވެ.
ރިޒާ އާދައިގެ މަތީން ޖީބުން ދެ ޕެކެޓް ޖޫސް ނަގައިފި އެވެ. ރޫބީ އަށް ދިނީ އޭނާއަށް އެންމެ މީރު އަލަނާސި ޖޫހެވެ. އޭނާ ކޮންމެ ދުވަހަކުވެސް އަންނަނީ ދެ ކުދިންނަށްވާ ވަރަށް ޖޫސް ހިފައިގެންނެވެ. ދެ ޕެކެޓެވެ. އެކަމަކު އަބަދުވެސް ދެ މީހުން ބޮނީ އެއް ޕެކެޓަކުންނެވެ. އެއް ޕެކެޓު ހުސްވީމާ އަނެއް ޕެކެޓު ބޮނީއެވެ. މިއީވެސް އެ ދެ ކުދިން އަމިއްލައަށް އުފައްދާފައިވާ ޤަވާޢިދުންކުރެ އެއް ޤަވާޢިދެވެ. ދެ ކުދިންގެ ދެމެދުގައި ލޯބީގެ ޖަޒުބާތު އުފެދި، މިހާރު އޮތް ގުޅުން ޤާއިމު ވީއްސުރެ ދެ ކުދިން ކައި ހަދަނީ އެއް ތަށްޓަކުންނެވެ. ފެން ބޮނީ އެއް ތަށްޓަކުންނެވެ.
އެއީ ދެ ކުދިންވެސް ވަރަށް ކުރާ ހިތުން ކުރާ ކަންކަމެވެ.
"ރޫޕް- ފިނިވަނީ-" ރިޒާ ލޯބިން، ވައިއަޑުން ބުނެލިއެވެ.
ރޫބީ އޭނާގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިލި އެވެ. ހީވަނީ ދެން ދުވަހަކުވެސް ދޫކޮށްނުލާން ހިފެހެއްޓިހެންނެވެ.
"ރޫޕް- އަހަރެމެން ދެ މީހުން މިއީ ދެ ރަޙްމަތްތެރިންނެއްނު ދޯ-؟ އެކަކު އަނެކެއްގެ ހިތުގައި ހުންނަ ވާހަކަތައް ފާޅުގައި ދެއްކޭނެއެއްނު، ދޯ-؟"
ރިޒާ ރޫބީގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ.
"އާނ-" ރޫބީ އިނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.
(ނުނިމޭ)