﴿وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ (البقرة: 185)
(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.) (އަލްބަޤަރާ: 185)
ރަމަޟާން މަސް ނިމެން ހަތަރު ފަސް ދުވަހަށް ވެފައިވާއިރު، އެންމެންވެސް މިހާރު ތައްޔާރުވަމުން ދަނީ އެމަސް ނިމުމާ ވިދިގެން އަންނަ ފިޠުރު ޢީދު ފާހަގަކުުރުމަށެވެ. އެ ޢީދުގެ އުފަލުގައި ބައިވެރިވަމަށެވެ.
ޢީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، ޢީދުގެ ހިކުމަތާ، މަގްސަދާ މެދު ވިސްނައިލަން ޖެހެއެެވެ. އިސްލާމްދީނުގެ އީދުތައް ކަނޑައަޅުއްވާފައި ވަނީ ވަރަށް މަތިވެރި މަގްސަދެއްގައި މަތިވެރި އަޅުކަމަކާ ގުޅުވައިގެންނެވެ. އެގޮތުން ފިޠުރު ޢީދު ފާހަގަކުރެވޭ މަޤްޞަދު މާތް ﷲ އެ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައެވެ.
ރަމަޟާން މަހުގެ ރޯދައިގެ ވާހަކަ ގެންނަވާފައިވާ އާޔަތް ނިންމަވާލައްވަމުން އެކަލާނގެ އަންގަވަނީ، ރަމަޟާން މަހުގެ ދުވަސްތަކުގެ އަދަދު ހަމަވުމުން ޢީދު ފާހަގަކުރަމް އަންގަވާފައި ވަނީ އެކަލާނގެ އަށް ތަކުބީރު ކިއުމަށް ކަމުގައެވެ. ތަކުބީރު ކިޔަންޖެހެނީ ހިދާޔަތުދެއްވި ކަމަށްޓަކައި ކަމުގައެވެ. އެބަހީ ރަމަޟާން މަހު ހެޔޮގޮތުގައި ރޯދަހިފުމުގެ ތައުފީޤުދެއްވައި، އެކަމަށް މަގު ދެއްކެވި ކަމަށްޓަކައެވެ. އެކަމަށްޓަކައި މާތްﷲގެ މަތިވެރިކަމުގެ އަޑުން ފަޒާ ގުގުމާލުމަށެވެ. ތަކުބީރު އަޑުހަރުކޮށް ގިނައިން ކިއުމަށެވެ.
ރަމަޟާން މަހު ދެއްވި ހިދާޔަތަށް ޓަކައި މާތް ﷲ އަށް ހަރުއަޑުން ތަކުބީރު ކިޔައި އުފާފާޅުކުރަނީ ކޮން ބޭނުމެއްގައި ކަންވެސް އެއާޔަތް ނިންމަވާލައްވަމުން މާތް ﷲ ވަނީ އަންގަވާފައެވެ. އެއީ، އެކަލާނގެއަށް ޝުކުރުވެރި ވުމެވެ. އަބަދުވެސް މާތް ﷲގެ ނިޢުމަތަށް ޝުކުރުވެރިވުމަކީ މުއުމިނުންގެ މައްޗަށް ލާޒިމުކަމެކެވެ. އެކަމަށްޓަކައި ވަކި ދުވަހެއް ޚާއްޞަކޮށް ފާހަގަކުރަން ޖެހެނީ ރަމަޟާން މަހަކީ އެކަލާނގެ ނިޢުމަތްތަކުގެ ތެރިއިންވެސް ވަކީން ޚާއްޞަ ނިޢުމަތަކަށް ވާތީއެވެ.
ކުރު ގޮތަކަށް ދަންނަވާނަމަ، ފިޠުރު ޢީދު ފާހަގަކުރެވެނީ މާތް ﷲ ދެއްވި ހިދާޔަތަށްޓަަކައި އެކަލާނގެ އަށް ތަކުބީރު ކިއުމަށެވެ. ތަކުބީރު ހަރު އަޑުން ކިޔަނީ އެކަލާނގެއަށް ޝުކުރުވެރިވާކަން ފާޅުކުރުމަށްޓަކައެވެ.
ބަރާކަތްތެރި ފިޠުރު ޢީދު ފާހަގަކުރަމުން ދާއިރު މި އާޔަތުގައި މާތް ﷲ ބަޔާންކޮށްދެއްވާފައި އެވާ ކަންކަން ހަނދާނުގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. ދީނުގައި ޢީދު ފާހަގަކުރުމަށް އަންގަވާފައިވާ މަގްސަދު ހާސިލްވާނީ އޭރުންނެވެ.